ގިނަ އަދަދެއްގެ ފައިސާއާއެކު ހިޔާ ފްލެޓުގެ އެޕާޓްމަންޓަކުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ޑްރަގް އެންފޯސްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގ. ސެމިޓޯން، އިބްރާހީމް ޝަރީފް (40އ) އާއި ގއ. ކޮލަމާފުށި/ އޯޝަންބްލޫ، ޙަސަން (41އ) އާއި ހދ. ނޭކުރެންދޫ/ އިރުދޭމާގެ، ޙުސައިން ރިޔާޒު (33އ) އަދި ގއ. ދާންދޫ/ ވަލުތެރޭގެ، ޖަމީލު (32އ)އެވެ.

މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހިޔާ ފްލެޓް H9-20-11 އެޕާޓްމަންޓް ބަލައިފާސްކޮށެވެ.

އަދި އެ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ މޯބައިލް ފޯނު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.