ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން، މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024 – 2030″ މިއަދު ފާސްކުރައްވައިފިއެވެ.

މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީގެ މައިގަނޑު މަގްސަދަކީ މޫސުމީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކުރިމަތިވެދާނެ ކާރިސާތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރިކުރުމާއި، ރައްޔިތުންގެ ގެދޮރާއި މުދާ ހިމާޔަތްކުރުމާއި، ކާރިސާތަކަށް ކުރިއާލާ ތައްޔާރުވުމާއި، ކާރިސާތަކަށް ވިލުންތެރި މުޖުތަމައުއެއް ބިނާކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމެވެ.

މި ސްޓްރެޓަޖީ ތަސްދީގު ކުރުމުގެ ސަބަބުން ޤުދުރަތީ ކާރިސާތަކުން ލިބިދާނެ އަދި ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، މިދާއިރާއިން އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެއެވެ.

އަދި މިފަދަ ސްޓްޓެޖީއެއް އެކުލަވާލައި ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލުން ފާސްކުރަން ނިންމެވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި އަދި ބިންތިރި ޖަޒީރާ ގައުމުތަކަށް ލިބޭ ގެއްލުމާއި ގުޅޭގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި އަބަދުވެސް ވަކާލާތުކުރާ ގައުމެއްގެ ހައިސިއްޔަތުން، މިފަދަ ސްޓްރެޓަޖީއެއްގެ ސަބަބުން މިކަންކަމަށް ވަކާލާތުކޮށް އަޑުއުފުލުމުގެ ފުރުސަތު އިތުރުކުރެވިދާނެތީއެވެ.

މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީއެއް އެކުލަވާލުމަކީ، 2030 ވަނަ އަހަރު އައުމުގެ ކުރިން ޤައުމުތަކުގައި ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީތައް އެކުލަވާލަން ޖެހޭނެކަމަށް ސެންޑައި ފްރޭމްވޯރކް ފޯރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން (2015-2030) ގައި ބަޔާންކޮށްފައިވާ 7 ލަނޑުދަނޑިތަކުގެ ތެރެއިން ލަނޑުދަނޑި 5 ގައި ހިމަނައިފައިވާ ކަމެކެވެ.

ޑިޒާސްޓަރ ރިސްކް ރިޑަކްޝަން 2015-2030 ގެ ސެންޑައި ފްރޭމްވޯރކް ފާސްކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާރިޗު މަހުގެ 18 ވަނަ ދުވަހު ޖަޕާނުގެ ސެންޑައިގައި ބޭއްވި އ.ދގެ ތިންވަނަ ވޯލްޑް ކޮންފަރެންސްގައެވެ.

ދިވެހިރާއްޖެއަކީ ޑިޒާސްޓަރ ރިސްކް ރިޑަކްޝަންގެ މަސައްކަތާއި، ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަނަށް ކުރެވެންހުރި މަސައްކަތްތައް ގުޅުވާލައިގެން މިފަދަ ސްޓްރެޓެޖީއެއް ނެރެފައިވާ މަދު ޤައުމުތަކުގެތެރެއިން ޤައުމެއްކަމުން މިކަމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

އަދި މި ސްޓްރެޓެޖީގެ އެއް އެނެކްސް ޚާއްޞަކުރެވިފައިވަނީ ޕެރިސް އެގްރިމަންޓުގެ ދަށުން ހެދުމަށް ކަނޑައެޅޭ ނެޝަނަލް އެޑެޕްޓޭޝަން ޕްލޭންއާއި ސެންޑާއި ފްރޭމްވަރކްގެ ދަށުން ހެދި ޑީއާރް އާރް ސްޓްރެޓެޖީ ގުޅުވައިގެން ދިވެހިރާއްޖޭގެ ވިލުންވެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް ވީހާވެސް ސްޓްރީމްލައިންކޮށް އިސްރާފު ކުޑަކުރެވޭނެގޮތްތަކުގެ މައްޗަށް ބިނާކޮށްގެންނެވެ.