ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ކަމަށް ދެއްކުމަށް ސައްހަ ނޫން ލިޔުމެއް ހަދައި، ހުށަހެޅި ކަމުގެ ތުހުމަތުގައި ސަސްޕެންޑް ކޮށްފައި ހުންނެވި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދުގެ ފޯނު ފުލުހުން ހިފަހައްޓައިފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ، އެ އިދާރާ އިން ތަހުގީގު ކުރަމުން އަންނަ ބިންވެރިޔާ ސްކީމާ ގުޅުންހުރި މައްސަލައާ ގުޅިގެން ފަޒީލުގެ ފޯނު ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ފަޒީލަކީ ހުޅުމާލެ އިން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ކުރިން ހިމެނިފައި ނެތް ފަރާތެކެވެ. އަދި ”ބިންވެރިޔާ“ ސްކީމްގެ ދަށުން އޭނާ އަކީ ގޯއްޗަށް ޝަރުތު ހަމަވާ މީހެއް ވެސް ނޫން ކަމަށް ވެސް އޮތީ ކަނޑައަޅައިފައެވެ.

ބިންވެރިޔާ ސްކީމުގައި ނުހިމެނޭ ބަޔަކަށް އެޗްޑީސީ އިން ގޯތި ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާއިރު މިހާރު ފުލުހުންނާއި އޭސީސީއާ ގުޅިގެން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.