ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި އޭރުގެ ޕްރޮކިއުމަންޓް ހެޑު މަރިޔަމް ދީނާ ސާލިހުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި އުފުލައިފިއެވެ.

2018 ވަނަ އަހަރު ފެނަކައާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކްގެ ފަރާތުން މަސައްކަތް ފުރިހަމަކޮށްފައިނުވަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރުކުރުމެއް ނެތި، އެ މަސައްކަތަށްވާ ފައިސާ ދޫކުރި ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އެ އަމަލުގެ ސަބަބުން ފެނަކައަށް 848،000 ރުފިޔާގެ ގެއްލުމެއް ލިބުނު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މި މައްސަލައާ ގުޅޭ ގޮތުން އާންމުކުރި މައުލޫމާތުގައިވެއެވެ.

އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާ ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހޭނެއެވެ.