ރޭ ދަންވަރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެކްސިޑެންޓުވި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ބަލަންފަށައިފިއެވެ.

ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރޭ ދަންވަރު 1:05 ހާއިރު ހުޅުމާލެ ފޭސް 2 ގުލްއަލްމަގުން އިރުން ހުޅަނގަށް ނިރޮޅު މަގު ހުރަސްކުރަމުން ދިޔަ ފުލުހުންގެ އުޅަނދެއްގައި ނިރޮޅު މަގުން އުތުރުން ދެކުނަށް ބާރު ދުވެލީގައި ދުއްވާފައި އައި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި މީހާއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށާއި އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ހާލަތު ސީރިއަސްވުމާއި ގުޅިގެން ފަރުވާ ދެމުންދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައިކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އަދި މި ވަގުތު އޭނާއަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭކަމަށްވެސް ފުލުހުން ބުނެއެވެ.

”މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެއްގަމު އުޅަނދު ދަތުރުފަތުރުކުރުމުގެ ގާނޫނާ ހިލާފުވެގެން އެ ގާނޫނުގެ ދަަށުން މި މަހު 21 ވަނަ ދުވަހު ލައިސެންސް ހިފަހައްޓާފައިވާ މީހެއް. މިފަދަ ނުރައްކާތެރި އެކްސިޑެންޓު ހިނގުމަކީ ދިވެހި ފުލުހުންގެ ހިދުމަތުން ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއް“ ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ މިފަދަ އެކްސިޑެންޓުތައް ހުއްޓުވުމަށާއި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ވަސީލަތްތަކެއް ބޭނުންކޮށްގެން ގިނަގުނަ މަސައްކަތްތަކެއް އެ އިދާރާއިން ކުރަމުންދާކަމަށެވެ.