މާދަމާ ފެށޭ އައު އަހަރާ ދިމާކޮށް، ޖެނުއަރީ މަހުގެ 2 ވާ ބުރާސްފަތި ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށް ވިޔަސް ޕާސްޕޯޓްގެ ހިދުމަތް މާލެ އިން ދޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

މިކަން ހާމަކޮށް އިމިގްރޭޝަނުން މިއަދު ވަނީ، އެ އިދާރާ އިން ޕާސްޕޯޓުގެ ހިދުމަތް ދޭނެ ވަގުތުތައް ވެސް އަންގައިފައެވެ.

އެ އިދާރާ އިން ބުނީ ”އިމުގާ“ މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަަމަށެވެ.

އަދި އިމިގްރޭޝަނަށް ހާޒިރުވެގެންނާއި އޮންލައިންކޮށް، އުމުރުން 65 އަހަރުން މަތީގެ މީހުންނާއި އިމަަޖެންސީ ހާލަތްތަކުގެ ޕާސްޕޯޓުގެ ހިދުމަތް ދޭނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ހެނދުނު 8:30 އިން 2:00 އަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މީގެ އިތުރުން ޕާސްޕޯޓް ދޫކުރުމަށްޓަކައި، އެ ދުވަހު ނަމްބަރު ދޫކުރާނީ ހެނދުނު 8:30 އިން މެންދުރު ފަހު 2:00 އަށެވެ.

އިމިގްރޭޝަނުން ވަނީ މެޑިކަލް އިމަޖެންސީގެ ހާލަތްތަކުގައި 9555333 އަށް ގުޅުމަށް ވެސް އެދިފައެވެ.