ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ހުކުމް ކުރީ ނަސްރުﷲ ފާއިޒު ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.
އެމީހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއާއި ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގައި އަތްލުމުގެ ދައުވާއާއި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ އެކު، ޖިންސީ އަމަލެއް ހިންގުމުގެ ދައުވާއެވެ.
އެގޮތުން ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލިކަން ސާބިތުވެ ނަސްރުﷲ 10 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކޮށްފައިވެއެވެ.
އަދި ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގިކަން ސާބިތުވާތީ އޭނާ 15 އަހަރަށް ޖަލަށްލުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެހެންނަމަވެސް އޭނާގެ މައްޗަށް ކުރެވޭ އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ސާބިތުވެފައެއް ނުވެއެވެ.

