އައު އަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފައިވާއިރު، އްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (ޑިޒާސްޓާ) އިން އިލްތިމާސްކޮށްފިއެވެ.

އެ އޮތޯރިޓީއިން ބުނެފައިވަނީ، މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރެއްވުމަށް އިލްތިމާސްކުރާކަމަށެވެ.

އެގޮތުން، އެންޑީއެމްއޭ އިން ދީފައިވާ އިރުޝާދުތަކުގެ ތެރޭގައި، ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެހެން ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުމާއި، ފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާބޯތަކެތި އަދި ހިފާ ގެންގުޅޭތަކެތި (ދޮންނަމެޝިން، އައިސްއަލަމާރި ފަދަ ތަކެތި) ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން ހިމެނެއެވެ.

މީގެއިތުރުން އެންޑީއެމްއޭއިން ދީފައިވާ އިރުޝާދުތައް:

  • ގަދަ ވައިގެ ސަބަބުން އެއްލައިލަފާނެ ތަކެތި ރައްކާތެރިކުރުން.

 

  • ބޭނުން ނުކުރާނަމަ، ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން.

 

  • ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކުން ހޯދުން.

 

  • އަދި ދަތުރަށް ނުކުންނަ އިރު، ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީންކުރުން.

 

  • ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލައި ކަންކަން އިންތިޒާމުކުރުން.

މެޓް އޮފީހުން މިއަދު ބުނީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފްގެ ސަބަބުން، އާ އަހަރުގެ ބަންދު ތެރޭގައި (ޖެނުއަރީ 1 އިން 5) އަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ އަދި ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ ދުވަސްވަރު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް، އުތުރާއި އިރު އުުތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓު އޮފީހުން ބުންޏެވެ.

މެޓުން ވެސް ވަނީ، އައު އަހަރުގެ ބަންދުތެރޭގައި ކަނޑު ދަތުރު ކުރާ ފަރާާތްތަކުން ސަމާލުވާން އެދިފައެވެ.