އިސްލާމިކް މިނިސްޓްރީގެ 2025 އަހަރުގެ އެކްޝަން ޕްލޭނާއި، އެކްޓިވިޓީ ކަލަންޑަރު، ރިސާލަތު ޕްރޮގްރާމް 2025، އަދި ނަމާދު މަތިވެރިކުރުމުގެ ޕްރޮގްރާމް ލޯންޗުކޮށްފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައިވާ އިސްލާމީ ނޫރު ދިވެހި ރާއްޖެއަށް ފެތުރުމުގެ މުހިންމު މަސްއޫލިއްޔަތު ކުރިއަށް ގެންދަވަނީ ވަރަށްވެސް މަތިވެރި އަޒުމާއި އިހްލާސްތެރިކަމާއިއެކު ދިވެހި އުންމަތުގެ ތެރޭގައި އިސްލާމްދީނުގެ ހިދާޔަތުގެ ނޫރު ފެތުރުމަށްޓަކައި ކަމަށެވެ.

މިއަދު އިފްތިތާހު ކުރެވިގެންދިޔަ ނަމާދު މަތިވެރިކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުއަކީ ނަމާދާއި ނަމާދުގެ މުހިންމުކަން މުޅި މުޖުތަމަޢަށް ހަނދާންކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދެވޭ މަޝްރޫއުއެއްކަމަށެވެ.

2025 ވަނަ އަހަރުގެ ރިސާލަތު ޕްރޮގްރާމް ހާއްސަކޮށްފައިވަނީ އިސްލާމީ އަޚްލާޤަށް ކަމަށްވެސް ވިދާޅުވިއެވެ.

2024ގައި ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައިވާ ގޮތުގެ މަތިން އިސްލާމިކް މިނިސްޓްރީއާ މަތިކުރެވިފައިވާ ވަރަށް ގިނަ ކަންކަން ހާސިލްކުރެވިފައިވާކަމަށާއި އެގޮތުން މިސްކިތްތަކާބެހޭ ފައުމީ މަޖިލީސް އުފެއްދުމާއި، ޒަކާތަށް ހާއްސަ އިދާރާއެއް ގާއިމު ކުރުންފަދަ ކަންކަން ހިމެނޭކަމަށް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ 2024 ވަނަ އަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރެއްކަމަށެވެ.

މި އަހަރަކީ ތާރީހުގައި ޒަކާތު ފަންޑަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބިގެންދިޔަ އަހަރަށްވާއިރު ގިނަ އަދަދަކަށް ޤުރްއާން ހިތުދަސްކުރި ހާފިޒުން ނެރެވުނު އަހަރެއްކަމާއި އަދި ދިވެހިރާއްޖޭގެ ތާރީހުގައިއި އިސްލާމީ ގޮތުން ފާހަގަކުރެވޭ މުހިންމު މަސައްކަތަކެއް ކުރެވުނު އަހަރެއް ކަމަށް ވިދާޅުވިއެވެ.