2024 ވަނަ އަހަރަކީ އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނު، ގޮންޖެހުން ބޮޑު އަހަރެއް ކަމަށާއި، ކޮންމެ ދަތި ނިންމުމެއް ވެސް ނިންމީ ލޮބުވެތި ރައްޔިތުންގެ ހައްގުގައި، މުޅި ރާއްޖޭގެ ފައިދާއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، 2025 ވަނަ އަހަރު ފެށެން ކައިރިވެފައިވަނިކޮށް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ މި ނިމޭ އަހަރުގެ ނިންމުންތަކުގެ ސަބަބުން ކުރު މުއްދަތުގައި ކުދިކުދި ދަތިތަކެއް ކުރިމަތިވި ނަމަވެސް ދިގު މުއްދަތުގައި އެންމެންނަށް ފައިދާ ކުރާނެ ކަމުގައެވެ.
”އިރާދަކުރެއްވިއްޔާ މި ނިންމުންތަކުގެ ފޮނި މީރުކަން އިސާހިތަކު ފެންނަން ފަށާނެ. ތިޔަ އެންމެހާ ރައްޔިތުންނަށް މިކަންކަމުގެ ލާބައާއި މަންފާ ލިބެން ފަށާނެ.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކުރިއަށް މި ފެށޭ އަހަރަކީ 2024 އަށް ވުރެ ނިޔާމަ އަހަރަކަށް ވުމަކީ އެމަނިކުފާނުގެ އުއްމީދު ކަމަށް ރައީސް ވިދާޅުވިއެވެ.
”ރައްޔިތުންގެ ކެރިފޯރުންތެރިކަން އިތުރުވެ، އިގްތިސާދީ ގޮތުން ވަރުގަދަ، އަދި މިހާރަށް ވުރެ ބަދަހި މުޖުތަމައެއް ގާއިމުވާނެ އަހަރަކަށް ވުމަކީ އަޅުގަނޑުގެ އުއްމީދު.“ ރައީސް ވިދާޅުވިއެވެ.
މި ފެށޭ އައު އަހަރަކީ އެކުވެރިކަމާއި އާއިލީ ގުޅުންތައް ވަރުގަދަވެ، އެކަކު އަނެކާއަށް ހެޔޮ އަމަލުކުރުމަށް ބާރުއަޅާ އަހުލާގެއް ދިވެހީންގެ ތެރޭގައި އާލާވާނެ އަހަރަކަށް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން 2025 ވަނަ އަހަރަކީ ދިވެހިރާއްޖެއަށާއި ދިވެހީންނަށް ނިޔާމަ އަދި ފާގަތި އަހަރަކަށް ވުމަށް އެދިވަޑައިގެން އެމަނިކުފާނު ދުއާ ކުރެއްވިއެވެ.

