މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއިން އެއް މިލިއަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން އުފުލި ދެ ދައުވާއަކަށް ކޮންމެ ދައުވާއަކަށް އެއް މިލިއަން ރުފިޔާއިން އަދީބު ޖޫރިމަނާކުރިއެވެ.

ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކާ ހަލާސްކުރުމަށް ދިނީ އެއް މަސް ދުވަހުގެ މުއްދަތެކެވެ.

ނަމަވެސް އެ މުއްދަތުގެ ތެރޭގައި އަދީބު ފައިސާ ދައްކާފައި ނުވާތީ އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.

މި މައްސަލައިގައި އަދީބުގެ ފަރާތުން ބުނެފައިވަނީ އެކީ އެއްފަހަރާ އެ ފައިސާ ދެއްކުމަކީ ދަތިކަމެއް ކަމަށެވެ.

އެ ފައިސާ ދެއްކުމަށް ބޭނުންވާ ގޮތް ލިޔުމުން އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށްޓަކައި ހަތް ދުވަހުގެ ފުރުސަތަކަށް އެދުނު ކަމަށާއި، ނަމަވެސް ދައުލަތުން އެކަމަށް އެއްބަސްވެފައިނުވާތީ، މައްސަލަ ނިންމަވާއިރު، ޝަރީއަތުގެ އަޑުއެހުމަކާ ނުލައި ހުކުމްކޮށްދިނުމަށް އަދީބުގެ ފަރާތުން އެދިފައިވެއެވެ.