ފޮރިން މިނިސްޓަރު ޑރ.ހަލީލު ރަސްމީ ދަތުރުފުޅެއްގައި އަވަށްޓެރި އިންޑިއާއަށް ވަޑައިގެންފިއެވެ.
މިއީ ހަލީލު ފޮރިން މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލު ވިދާޅުވީ، މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރު، ޑރ.ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުކުރައްވަވާނެ ކަމުގައެވެ.
ހަލީލު ވިދާޅުވީ، މި ދަތުރުފުޅުގައި އިންޑިއާއާއެކު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވަވައި، ދެ ގައުމަށް ވެސް މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ވަނީ، މިދިޔަ އޯގަސްޓު މަހުގެ 09 ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފައެވެ.
ފޮރިން މިނިސްޓަރު ކަމުގައި މޫސާ ޒަމީރު ހުންނެވިއިރު، މިދިޔަ އަހަރުގެ މެއި މަހުގައި ވެސް އިންޑިއާއަށް ރަސްމީ ދަތުރެއްގައި ވަޑައިގަތެވެ.

