ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް، ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން މި އެލާޓް ނެރުނީ ރ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށެވެ. މި އެލާޓުގެ ވަގުތަކީ ހެނދުނު 6:00 އިން 10:00 އަށެވެ.
މެޓުން ބުނީ، އެލާޓް ނެރެފައިވާ ވަގުތުތަކުގައި، ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި، ގަޑިއަކު 45 މޭލަށް ވައި ގަދަ ވާނެ ކަމަށް ލަފާކޮށް، ކަނޑުތައް ވެސް ވަރަށް ގަދަ ވާނެ ކަމަށް މެޓުން ލަފާ ކުރެއެވެ.
ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރު ރާއްޖެއަށް ކުރާނެތީ، އައު އަހަރުގެ ފުރަތަމަ ފަސް ދުވަހު، މުޅި ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވާރޭ ވެހޭނެ ކަމަށް މެޓުން ކުރިން ވަނީ ބުނެފައެވެ. މި ދުވަސްވަރު ކަނޑު ދަތުރު ކުރާއިރު، މޫސުމަށް ސަމާލުވާން މެޓުން ވަނީ އިލްތިމާސް ވެސް ކޮށްފައެވެ.

