ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ އެއްޗެއްސާއި އާލާތްތައް އެތެރެކުރުމަކީ މަނާކަމެއްކަން ހެލްތް މިނިސްޓްރީއިން މޯލްޑިވްސް ކަސްޓަމްސްއަށް އަންގައިފިއެވެ.

ހެލްތް މިނިސްޓްރީން މިފަދައިން އަންގައިފައި ވަނީ އާދަޔާ ހިލާފަށް ގިނައިން ދުންފަތް ޕެކެޓާއި، އެ އޮޅަން ބޭނުންކުރާ ކަރުދާސް މި ފަހުން އެތެރެކުރަން ފެށުމުންނެވެ.

ހެލްތުން ކަސްޓަމްސްއަށް ފޮނުވާފައިވާ ސިޓީގައި ވަނީ ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާކަމެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، ދުންފަތާއި ދުންފަތުގެ ތަނޑިއާއި ނިކޮޓިން ހިމަނައިގެން، އޭގެ މާއްދާއެއް ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށެވެ.

އެހެންވެ، ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއް ކަމުގައިވާތީ، ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފި ނަމަ އެތަކެތި ހިފަހައްޓައި ނައްތާލުމަށް ހެލްތު މިނިސްޓްރީން ވަނީ އަންގައިފައެވެ.

އަމިއްލައަށް ހަދާ ސިނގިރޭޓުގައި ބޭނުންކުރާ ތަކެތީގެ ތެރޭގައި ސިނގިރޭޓަށް ހާއްސަ ދުންފަތާއި އޮޅާ ކަރުދާހާއި ފިލްޓަރު ހިމެނެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 31ގައި ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ބޮޑުކުރުމާއެކު، ސިނގިރޭޓުގެ އަގު ވަނީ ވަރަށް ބޮޑަށް މައްޗަށް އަރައިފައެވެ.