ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެ، ގުގުރާނެ ކަމަށް ލަފާކޮށް، ބ އަތޮޅުން ފެށިގެން ތ އަތޮޅަށް ނެރުނު އޮރެންޖު އިންޒާރުގެ ވަގުތު ދަންމާލައިފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓުން ވަނީ، މިރޭ 11 ޖެހުމާ ހަމައަށް އެލާޓުގެ ވަގުތު ދަންމައިލައިފައެވެ. ކުރިން މި އިންޒާރު ނެރެފައި އޮތީ، މިއަދު މެންދުރު ފަހު 3:00 އިން މިރޭ 7:00 އަށެވެ.
ބޯކޮށް ވާރޭ ވެހެމުންދިޔުމާއެކު، މެދުރާއްޖެތެރެއާ މާލޭގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.
ބޯކޮށް ވާރޭވެހި މާލޭގެ ބައެއް ގެތަކަށް ފެން ވަންނަމުންދާތީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން ދަނީ މާލޭގެ ތިން ސަރަހައްދެއްގައި، 11 ޕަންޕު ބަހައްޓައިގެން ފެން ހިންދުމަށް މަސައްކަތް ކުރަމުންނެވެ.
މުޅި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރަމުން އަންނައިރު، މެޓުން ވަނީ، ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށް، ހއ އަތޮޅުން ފެށިގެން ރ އަތޮޅާ ހަމައަށް ހުދު އެލާޓު ވެސް ނެރެފައެވެ. މި އެލާޓް ނެރުނީ، މިރޭ 11:30އާ ހަމައަށެވެ.

