އިންޑިއާއާ ރާއްޖެއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ރަސްމީ މަޝްވަރާތައް ބާއްވަވައިފިއެވެ.

މި މަޝްވަރާތައް ބާއްވަވާފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. ހަލީލް އެގައުމަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރައްވައލފައެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ހިލޭއެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުން ހިނގަމުންދާ މަޝްރޫއުތައް ކުރިއަށްދާގޮތާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އަދި ރާއްޖޭގެ ތަރައްގީގައި އިންޑިއާގެ އިސްދައުރު ފާހަގަކޮށް، އިގްތިސާދީ ރޮނގުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު ވެސް މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރު ހަލީލު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުމަށް ފަހު، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ފޭސް ތިނެއްގެ ފަހުމުނާމާގައި ދެ ބޭފުޅުން ވަނީ ސޮއިކުރައްވައިފައެވެ.