ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވިއެވެ.

އިއްޔެ ހެނދުނުން ފެށިގެން އިރުއޮއްސުމާ ހަމައަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން، އެކި ގޮތްގޮތުން އެހީއަށް އެދި 400 ފޯނު ކޯލު ލިބުނު ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން ބުނެފައިވެއެވެ.

އެހީއަށް އެދުމުން، ރެޕިޑް އެސެސްމަންޓް ހެދުމަށްފަހު ބޮޑަށް އެހީތެރިކަން ބޭނުންވާ 35 ގެއެއްގެ މީހުންނަށް އެހީ ވުމާއި އެހެންތަންތަނަށް ބަދަލު ކުރަން ޖެހޭ މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން މިރޭ ބުންޏެވެ.

”ގެއެއްގެ މީހުންނަށް އެހީ ވުމާއި އެހެންތަންތަނަށް ބަދަލު ކުރަން ޖެހޭ މީހުން ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށް.“ އެންޑީއެމްއޭއިން ބުންޏެވެ.

މިއަދު ހެނދުނުން ފެށިގެން ހުއްޓާނުލައި މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލޭގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމުގެ މަސައްކަތުގެ ތެރެއިން 10,000 އެއްހާ ޓަނުގެ ފެން ބޭރުކޮށްފައިވެއެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މާލެއަށް މިދިޔަ 24 ގަޑިއިރު ތެރޭގައި 160 މިލިލީޓަރުގެ ވާރޭވެހިފައިވެއެވެ.

މިހާރު ކުރަމުންދާ ވިއްސާރަ އަލިވާން ފަށާނީ އަންނަ ހޯމަ ދުވަހު ކަމަށް މެޓުން ވަނީ ބުނެފައެވެ.