ބަންޑް ވޯލް ޖަހައި، ފަސްއަޅައި ނިމިގެން ނޫނީ، މާލެ އަތޮޅު ގުޅީގެ ބިންހިއްކުމުގެ މަޝްރޫއު ދެން ނުހުއްޓޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މި ޔަގީންކަން ގުޅީ ރައްޔިތުންނަށް ދެއްވާފައިވަނީ، މިހާރު ގުޅިއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވަނީ، ކުރީ ސަރުކާރު ނިމެން ދަނިކޮށް ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، އެ މައްސަލައަށް ޢަމަލީ ސިފައެއް ގެނެވޭނޭ ފަދަ ބަޖެޓެއް ފަހިކޮށްދީފައި ނުވާކަން ފާހަގަކުރައްވާފައެވެ.
އެހެންނަމަވެސް، މިވަގުތުވެސް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޓީމު ގުޅީގައި ހަރަކާތްތެރިވަމުންދާ ދިއުމުންވެސް ދޭހަކޮށްދެނީ، ކުރިން ވީހެން މިހާރު ނުވާނޭކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މި މަސައްކަތް ކުރިއަށް ގެންދަވާނީ، ކައުންސިލުން ބައްޓަންކޮށްފައިވާގޮތަށް، އިތުރު ބަދަލެއް ނުގެނެސްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެރަށަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ މައްސަލައަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، މި މަސައްކަތްކުރައްވާނީ އިތުރު ބަނދަރެއް އަޅައިގެންތޯ ނުވަތަ މިހާރު އޮތް ބަނދަރު ބޮޑުކޮށްގެންތޯ ނިންމާނީ ރަށު ކައުންސިލާއި، ކޮންސްޓްރަކްޝަން މިނިސްޓްރީން މަޝްވަރާކުރުމަށްފަހު ކަމަށެވެ.
އަދި މި މަޝްވަރާގައި ނިންމުންތައް ނިންމަންވާނީ ރަށަށް ފައިދާ ބޮޑުވާނެ އަދި އިގްތިސާދީ ނަފާ ބޮޑުވާނެ ގޮތަށް އިސްކަންދެއްވައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ބަނދަރުގެ ނެރުފައިކަށީގެ މައްސަލައިގައި، މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހައްލެއް ހޯދެން އޮތްތޯ ބެއްލެވުމަށް ފަންނީ ލަފާއަށް އެދިވަޑައިގެން، އެ ފަދަ ހައްލެއް އޮތްނަމަ، ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ބިމުގެ ދަތިކަން ނައްތާލެވި، ބަނދަރުގެ މައްސަލަ ހައްލުކުރުމަކީ، ގުޅީގެ ތަރައްގީއަށް ލާޒިމު މަސައްކަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށަށް ފައިދާއެއް ނުވާނޭގޮތަށް ލޯކަލް ޓޫރިޒަމަށް ދޫކޮށްފައިވާ ބިމުގެ މައްސަލައަށް އިޝާރާތްކުރައްވައި ރައީސް ވަނީ، އެޓަރނީ ޖެނެރަލާއި ފަތުރުވެރިކަމުގެ ވުޒާރާ އާއި ރަށު ކައުންސިލުން މި މައްސަލަ ދިރާސާކޮށް، ރަށަށް އެންމެ ފައިދާވާނޭ ގޮތަކީ އެ އެއްބަސްވުން ނިމުމަކަށް ގެނައުންކަމުގައި ނިންމަވައިފިނަމަ، އެކަން އެގޮތަށް ކުރުމަށް މަގުފަހިކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

