މި ހިނގާ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދެވަނަ، ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖޭގައި އުދުހެން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން އަދި އެއާބަސް އޭ330-200، އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި، ރާއްޖޭގެ ކުރިމަގު ރޭވުމުގެ ތަސައްވަރުގެ ތެރޭގައި ކަނޑައެޅި ކަނޑައެޅުމެއްގެ ގޮތުގައި އުފަންވި، ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަންސް ފެށުމުގެ ހިޔާލު މިއަދު ހަގީގަތަކަށްވެ، އެއާބަސް އޭ330-200 މަރުކާގެ މަތިންދާބޯޓު ރާއްޖެ ގެނެސް، ދިވެހި މުވައްޒަފުންގެ ބައިވެރިވުމާއެކު އޮޕަރޭޓްކުރަން ފެށުން ފާހަގަކުރުމަށް ބޭއްވި މި ހަފުލާގައި، ރައީސް ސިފަކުރައްވާފައިވަނީ، މިއީ އަދި ފެށުމެއްގެ ގޮތުގައެވެ.

މިއަދުގެ ހަފުލާގައި ރައީސް ވިދާޅުވީ، މި އޮޕަރޭޝަންތައް ފެށުމާއެކު، ގައުމީ އެއާލައިން، މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލްތައް އިތުރުވުމުން ލިބޭ ކުރިއެރުމަކީ، ދިވެހި އިގްތިސާދު ފުޅާކުރުމަށްޓަކައި ފަށްޓަވާފައިވާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަޅުގަނޑުމެންގެ އުދުހުންތައް ދިވެހިންގެ އަތްމަތީގައި އޮތުމުގެ މުހިންމުކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، މި ގޮތުގައި ފަތުރުވެރިކަމާއި، އުދުހުމުގެ ސިނާއަތަށް ކުރިއެރުންތައް ލިބިގެންދާނެކަމަށެވެ.

އަދި މި އަހަރު ވެގެންދާނީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ގިނަ ހަރުފަތްތަކެއް ގިރާކޮށްގެން، އައިލެންޑް އޭވިއޭޝަނާއި އެމްއޭސީއެލް އަށް އިތުރު ކުރިއެރުންތަކެއް ގެނެސްދޭނެ އަހަރަކަށް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ކުރިއަށް މި އޮތީ ތަރައްގީގެ ދުވަސްތައް ކަމަށާއި، މި އަހަރު ރައްޔިތުންނަށް ފެނިވަޑައިގަންނަވާނީ، އިގްތިސާދީ، އިޖުތިމާއީ، އަދި އުމްރާނީ ގޮތުންވެސް ތަރައްގީގެ އަމަލީ މަންޒަރުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މި ސަރުކާރުން މަސައްކަތްކުރަނީ ތަރައްގީ އާއި ހަމަޖެހުމާއި މިނިވަންކަމާއި ސިޔާދަތު އެކުއެކީގައި ހާސިލުވެގެންދާ ފަދަ ވަށާޖެހޭ ތަރައްގީއެއް ގައުމަށް ގެނެސްދެއްވުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ޤައުމީ އެއަރލައިން ”މޯލްޑިވިއަން“ އިން ސީދާ ދަތުރުތައް ފެށުމަށްޓަކައި، ”ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން“ ތަޢާރަފްކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ނިންމެވީ، 17 ޑިސެންބަރު 2023 ގައެވެ.