ރޭ ގ. އުފުރިޔާގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މީހަކަށް ބޯހިޔާވަހިކަމާއި ކެއިން ބުއިން ހަމަޖައްސައިދީފިއެވެ.

އުފުރިޔާ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ރޭ ހަރަކާތްތެރިވެފައިވެއެވެ.

އަލިފާން ރޯވެފައިވަނީ ގަލޮޅު އިހުސާން ފިހާރަ ހުންނަ އިމާރާތުގެ ހަވަނަ ފަންގިފިލާގައެވެ.

އެންޑީއެމްއޭ އިން ބުނީ އެ ގޭގެ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ އެޕާޓްމަންޓުގައި ދިރިއުޅުނު މީހުންގެ ތެރެއިން އެހީތެރިކަން ބޭނުންވި އެއް ފަރާތަކަށް އެއް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު އެ އޮތޯރިޓީއިން ވަނީ ހަމަޖައްސައިދީފައި ކަމަށެވެ.

އެ އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާވެފައެއް ނުވެއެވެ.