މި އަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމާ ހައުސިން މަޝްރޫއުތައް ފެށުމުގެ ބަޖެޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ގދ.ހޯނޑެއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަށްރަށުގައި ވެވަޑައިގެންފައިވާ ގެދޮރުވެރިކަމުގެ މަޝްރޫއުތައްވެސް މިއަހަރު ކުރިއަށް ގެންދަވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

އެގޮތުން ހޯނޑެއްދޫގެ ހައުސިން މަޝްރޫއުވެސް ކުރިއަށް ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ އަހަރު ކަމަށާއި، ހޯނޑެއްދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށާއި، އުދައެރުމުގެ މައްސަލައަށް މި އަހަރުގެ ބަޖެޓުގެ ތެރެއިން ދާއިމީ ގޮތަކަށް ހައްލު ހޯދައިދެއްވާނެކަމަށެވެ.

އަދި ތައުލީމާއި ސިއްހީ ދާއިރާ ކުރިއެރުވުމަށާއި،
ކުޅިވަރުގެ އެކި ވަސީލަތްތައް ގާއިމުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކައުންސިލްތަކަށް އާމްދަނީ ހޯދައިދިނުމަށް ރަށާ ކައިރި ފަޅުރަށްތަކުގައި
އިންޓަރ ގްރޭޓެޑް ޓޫރިޒަމް ހިންގޭނެ ގޮތަށް ހަމަޖެއްސެވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައެވެ.