މި ޖެނުއަރީ މަހުގެ ތެރޭގައި، ގދ. ނަޑެއްލާގައި އާ ބަނދަރެއް ހެދުމަށް ކޮންޓްރެކްޓަރެއް ހޯއްދަވަން އިއުލާނު ކުރައްވާނެ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނަޑެއްލާގެ ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނަޑެއްލާގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ، 2008 ވަނަ އަހަރު ތަރައްގީ ކޮށްފައިވާ، ރަށަށް މިހާރު އައިސްފައިވާ ތަރައްޤީއާ ނުބައްދަލު ބަނދަރެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އާ ބަނދަރުގެ މަސައްކަތް ކުރިއަށްގެންދަވާނީ، ރަށަށް ދިމާވެފައިވާ ރަށްގިރުމާއި އުދައެރުމުގެ މައްސަލައަށް، އެ މަޝްރޫއުގެ ތެރެއިން ހައްލެއް ގެނެވޭނެ ގޮތަށް ކަމަށެވެ.
މީގެ އިތުރުން، ނަޑެއްލާގައި ޒަމާނާ އެކަށީގެންވާ ފެންވަރުގެ އާ މިސްކިތެއް ބިނާކުރުމުގެ މަސައްކަތާއި، ސްކޫލާއި ސިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިދެ ދަތިކަން ހައްލުކުރުމުގެ މަސައްކަތްތައްވެސް މި އަހަރު ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރަށުގެ ޒުވާނުންގެ ކަންބޮޑުވުންތައް ކަމުގައިވާ، ފުޓުބޯޅަ ދަނޑާއި، ފުޓްސަލް ދަނޑާއި، ވޮލީ ދަނޑު އަދި ޒުވާނުންގެ މަރުކަޒުގެ މަސައްކަތްވެސް މި އަހަރު ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހުވަދު އަތޮޅުގައި ފުލުހުންގެ ޚިދުމަތް ނުލިބޭ ހަމައެކަނި ރަށެއްގެ ގޮތުގައި ނަޑެއްލާ އޮވެގެން ނުވާނޭކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ނަޑެއްލާގެވެސް އާބާދީގެ ނިސްބަތުން ބޭނުންވާ ފެންވަރަށް ހިދުމަތް ދިނުމަށް ޤާއިމުވެ ތިބޭ ފުލުހުންގެ ހިދުމަތް ލިބޭނޭ އިންތިޒާމު ހަމަޖައްސަވާނޭކަން އެމަނިކުފާނު އިއުލާނު ކުރެއްވިއެވެ.
ރައީސް ވަނީ، ނަޑެއްލާގެ ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް، ވަރަށް ފަރުވާތެރިކަމާއެކު ސަރުކާރުން މަސައްކަތްކޮށްދެއްވާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ.
އަދި ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބިވަޑައިގަންނަވާ އެއްބާރުލެއްވުން އެގޮތުގައި ދެއްވަމުން ގެންދެވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

