ގދ. ފިޔޯރީގައި މަސްކިރާ ފެކްޓްރީއެއް ގާއިމުކުރުމަށް އަންނަ ފެބްރުއަރީ މަހު ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރައްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފިޔޯރީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ފިޔޯރީގެ މަސްވެރިން ބާނާ މަސް ކިރަން ކޫއްޑޫއަށް ކުރަންޖެހޭ ތަކުލީފު ބޮޑު ދަތުރަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ރައްޔިތެއްގެ ކުރިމަތީގައި ފުއްދެވުމުގެ ނިޔަތުގައި، ފުއްދަވައިދެއްވޭނޭކަމުގެ ޔަގީންކަން އޮވެގެން މެނުވީ ވަޢުދެއް ވެވަޑައިނުގަންނަވާނޭކަމަށެވެ.

އެގޮތުން، ފެބްރުއަރީ މަހު ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރާ އެއްބަސްވުމުގެ ދަށުން، 3000 ޓަނުގެ މަސްކިރާ ފެކްޓްރީއެއް ގާއިމުކުރުމުގެ ޢަމަލީ މަސައްކަތް، ސޮއިކުރާތާ ދެ ހަފުތާ ތެރޭ ފަށާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފިޔޯރީގައި ގާއިމުކުރާ މަސްކިރާ ފެކްޓްރީ ވެގެންދާނީ، ދުވާލަކު 100 ޓަނުގެ ދަޅުމަސް ބަންދުކުރެވޭ، 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ހުންނަ، އަދި 50 ޓަނުގެ އައިސް ޕްލާންޓެއް ހިމެނޭ ކާރުހާނާއަކަށް ކަމަށެވެ.

ފިޔޯރީގެ ކަމާ ގުޅޭ އިދާރާތަކުން ހިއްސާކުރެއްވި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވަމުން، ސްކޫލް ހޯލު އަލުން އެޅުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭ ކަމަށާއި، މި އަހަރު މަލްޓިޕަރޕަސް ހޯލެއް ބިނާކުރައްވައި، ކްލާސް ރޫމާއި ލެބް ގާއިމުކުރައްވާނޭ ކަމަށް އެމަނުކުފާނު ވިދާޅުވިއެވެ.

އޭޓީއެމްގެ މައްސަލައަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ، އޭ.ޓީ.އެމް ވަޢުދު އިރާދަކުރެއްވިއްޔާ ފުއްދަވާނޭކަމަށް ވިދާޅުވެފައެވެ.

އަދި 2025ގެ ބަޖެޓުގައި އެކަށައަޅާފައިވާ އިސްކަންދޭ ތަރުތީބުގެ ތެރެއިން، ސްކޫލްގެ މައްސަލަތަކާއި، ކުނި ނައްތާލުމުގެ ނިޒާމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.