ގދ. ވާދޫއަށް ދިމާވެފައިވާ ރަށުގެ މަގުތަކުގެ ދަތިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށު ސްކޫލު މަޝްރޫއުއަށް ފަހު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން މި އަހަރުގެ ބަޖެޓުން ވާދޫގެ ތަރައްގީއަށް ދެން ހަރަދު ކުރައްވާނީ، އެ ރަށުގެ މަގުތަކަކީ ރައްޔިތުންނަށް ފަސޭހައިން ބޭނުންކުރެވޭނެ މަގުތަކަކަށް ހެއްދެވުމުގެ މަޝްރޫއުއަށް ކަމަށެވެ.
ހަމަ މި ފަދައިން ސިއްހީ ދާއިރާއަށް ބޭނުންޖެހިފައިވާ ތަރައްގީވެސް ހޯއްދަވައިދެއްވާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައްޔިތުންނަށް އިގްތިސާދީ ބާރުވެރިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެކަމުގެ ފުރިހަމަ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.
އަދި މުޅި ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމުގެ ތެރެއިން، ވާދޫގައި ހިންގަން ފަށައި، ހުއްޓިފައިވާ މަޝްރޫޢު ނިންމަވައި، އަމަލީ ގޮތުން އޮޕަރޭޝަންތައް ފެށޭވަރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

