އުމްރާވެރިންނާ މެދު އިހްމާލުވި ”އަލް ހިޖުރަ“ ގްރޫޕްގެ ވެރިންގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅުއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެއެވެ.
ހިޖުރަ ނަމަކަށް ކިޔާ އެ ކުންފުނީގެ ހަވާލުގައި 24 މީހަކު މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވާއިރު، އެމީހުން ރާއްޖެ އެނބުރި އަންނަން ޓިކެޓް އަދިވެސް ހަމަޖެހިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިނިސްޓަރު ޝަހީމް މިރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މައްކާގައި ދަތި ހާލަތެއް މެދުވެރިވެފައިވާ އުމްރާވެރިންގެ ބޭފުޅުންނާ މިރޭ އެމަނިކުފާނު ގުޅުއްވައި، ވާހަކަ ދައްކައި މިހާރުގެ ހާލަތު ބަލައިފައިވާ ކަމަށެވެ.
”އެބޭފުޅުންނަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް މިދަނީ މަސައްކަތްކުރަމުން.“ މިނިސްޓަރު ވިދާޅުވިއެވެ.
އުމްރާވެރިންނާ މެދު އިހްމާލުވި ހިޖުރަ ގްރޫޕްގެވެރިންގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅުއްވާނެކަމަށާއި، މައްކާގައި މިވަގުތުގައި އޮތް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް، ހާލުގައި ޖެހުނު އުމްރާވެރިންނަށް އެހީވުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”އަޅުގަނޑުވާނީ ހައްޖު ކޯޕަރޭޝަންގެ އެމްޑީއަށް އިރުޝާދު ދީފަ.“
ދިވެހި އެއްވެސް ރައްޔިތަކަށް ދިމާވާ ދަތިކަމެއްގައި އެހީ ނުވެ ނުތިއްބަވާނެ ކަމަށް ވިދާޅުވެ، ރައީީސް ޑރ.މުހައްމަދު މުއިއްޒު އަބަދުވެސް އިރުޝާދު ދެއްވަނީ ރައްއްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

