ވެރިރަށް މާލެއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ސިފައިން ފެން ހިންދުމުގެ މަސައްކަތް ފަށައި، މިހައިތަނަށް 6،753 ޓަނުގެ ފެން ހިއްކައިފިއެވެ.

މިގޮތުން ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެގެން، ފެން ހިންދުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން، މާލޭގެ 7 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ދަނީ މަސައްކަތްކުރަމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ވެސްޓްޕާކް ސަރަހައްދުގައި 4 ޕަމްޕް، އައިޖީއެމްއެޗް ސަރަހައްދުގައި 3 ޕަމްޕް، މާފަންނު ފެރީ ޓާމިނަލް ސަރަހައްދުގައި 3 ޕަމްޕް، ސަލްމާން މިސްކިތް ސަރަހައްދުގައި 1 ޕަމްޕް, ބޮޑު ވަޅު ސަރަހައްދުގައި 4 ޕަމްޕް،ޓކުޑަކުދިންގެ ބަގީޗާގައި 1 ޕަމްޕް، ބަހައްޓައިފައިވެއެވެ.

މިއަދުގެ 06:00 އާއި ހަމައަށް 6753 ޓަނުގެ ފެން ހިއްކިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މީގެއިތުރުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން އަންނަނީ މާލޭގެ ދެ ސަރަހައްދެއްގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.

އަދި މިހާތަނަށް 46 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.