އަންނަ ހޮނިހިރު ދުވަހާ ހަމައަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ، މާލޭގައި ފެން ބޮޑު ވެއްޖެނަމަ، ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ސިފައިން ކުރަމުންދާ މަސައްކަތުގެ ދަށުން، ގިނަ އަދަދެއްގެ ގެތަކަށް ވެލިބަސްތާ ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި މާލެއަށް ވިއްސާރަ ކުރާނެކަމަށް ލަފާކޮށްފައި ވާތީ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި، މިއަދުގެ 02:26 އާ ހަމައަށް، 63 ގޭބީސީއެއްގައި 533 ވެލިބަސްތާ ވަނީ ޖަހާދީފައި ކަމަށެވެ.

ވާރޭ ވެހުމުން، މާލޭގައި ވަރަށް ބޮޑަށް ފެންބޮޑުވެއެވެ. މިދިޔަ ޑިސެމްބަރު  މަހުގެ ފަހުކޮޅު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރައިގައި މާލެއަށް ގަޑިއިރެއްގެ ތެރޭގައި، ރެކޯޑު މިންވަރަކަށް ވާރޭ ވެހުނުއިރު، ވަރަށް ގިނަ ގެތަކަށާއި، ފިހާރަތަކަށް ފެން ވަދެފައިވެއެވެ.

މި ފަހަރު ދިމާވެދާނެ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ހާއްސަ ޓާސްކް ފޯހެއް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ އުފައްދަވައިފައެވެ. މި ޓާސްކް ފޯސްގެ ފަރާތުން ނޫސްވެރިންނާ ބައްދަލުކުރައްވައި، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ، ވާރޭ ވެހެން ފެށުމާއެކު، ފެންބޮޑުވާ ސަރަހައްދުތަކުގައި ސިފައިންނާ ފުލުހުން 24 ގަޑިއިރު ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.