ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދޭސީންތަކެއް ހުޅުމާލެއިން އަތުލައިގެން އިމިގްރޭޝަނުން ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަން ވޮޗަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

އިމިގްރޭޝަނުން ބުނީ އެގޮތުން ބަލައި ފާސްކުރެވުނު 14 ތަނުން، ސައްހަ ވިސާއެއް ނެތި ޤަވާއިދާ ހިލާފަށް އުޅެމުންދިޔަ 6 ބިދޭސީން އަތުލައިގެންފައިވާ ކަމަށެވެ.

މީގެ އިތުރުން ޓާސްކުފޯހުން ކުރިއަށްގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި އާންމު ސިއްހަތަށް ގެއްލުންވާގޮތަށް މާލޭގައި ބިދޭސީން އުޅެމުންދިއަ އެކޮމޮޑޭޝަން ބްލޮކެއް ވަނީ ބަލައި ފާސްކޮށްފައެވެ.

އެގޮތުން މިތަނަކީ ގިނަ އަދަދެއްގެ ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުންދާ ތަނެއްކަންވަނީ ފާހަގަކުރެވިފައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އަދި ސައްހަ ވިސާއެއްނެތި މިތަނުގައި އުޅެމުންދިއަ 04 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ބޮޑު ހައްލެއް ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދާފަވާއިރު ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން ގިނަ އޮޕަރޭޝަންތަކެއް ހުއްޓުމެއްނެތި އަންނަނީ ހިންގަމުންނެވެ.