މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ފުނާޑު / ފިނިފެންމާގެ، އަހްމަދު ޝައުބާން ލަތީފް (26އ) ކަމަށެވެ.
މި މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އޭނާއާ ގުޅުންހުރި ކަމަށް ބެެލެވޭ ހުޅުމާލެ ފޭސް 2 ގެ އެޕާޓްމަންޓަކާއި މާލޭގެ ތިން ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
”އެ ތަން ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1058.31 ގްރާމެވެ.“ ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ، މި މައްސަލައާ ގުޅިގެން ޝައުބާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށް ވެސް ބުންޏެވެ.

