ކުރީ ސަރުކާރުން ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ފްލެޓު ލިބުނު 4000 މީހުން މާލޭގައި ދިރިއުޅުނުތާ 15 އަހަރުވެފައިވޭތޯ ޔަގީން ކުރުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު މުއްތަލިބު މިއަދު ވިދާޅުވީ ފްލެޓު ލިބުނު މީހުންގެ މެދުގައި ވެރިފިކޭޝަން ޕްރޮސެސްއެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ބައެއް ފަރާތްތަކާއެކު ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
މުއްތަލިބު ވިދާޅުވީ، މި ވެރިފިކޭޝަން ޕްރޮސެސްގައި ބަލާނީ، 26 ޖޫން 2022ގައި ގެޒެޓު ކުރެވުނު ޕޯޓަލްގައި ހިމެނޭ އިރުޝާދުތަކަށް ކަމަށެވެ.
އެގޮތުން މާލޭގައި ދިރިއުޅުނުތާ 15 އަހަރުވެފައިވޭތޯ ޔަގީން ކުރުމަށް ހުށަހަޅަން އިރުޝާދު ދީފައިވާ ހަ ލިޔުމަކަށް ބަލާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ބައެއް ފަރާތްތަކުން ސްކީމްގައިވާ އުސޫލުތަކާ ހިލާފަށް ލިޔުން ހުށަހެޅިކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފާހަގަކޮށްފައިވާ ކަމަށެވެ.
”އަދި ޝަކުވާގެ މުއްދަތުގައި އެކި ކަހަލަ ލިޔުންތައް ހުށަހަޅާފައިވާކަން ވެސް ވަނީ ފާހަގަކޮށްފައި.“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އުސޫލާ ހިލާފަށް ހުށަހަޅާފައިވާ ލިޔުންތައް ބަލައިނުގަތުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވެސް ލަފާދީފައިވާ ކަމަށެވެ.
”އެހެންކަމުން، ޕޯޓަލްގައި ބަޔާންކޮށްފައިވާ ލިޔުންތައް ނޫން ލިޔުންތަކަކީ ގާނޫނީ ގޮތުން ބަލައިގަނެވޭނެ ލިޔުންތަކެއް ނޫން.“ މުއްތަލިބު ވިދާޅުވިއެވެ.
މާލޭގައި އުޅުނު މުއްދަތަށް މެދުކެނޑުމެއް އައިސްފައިވާ ކަމަށް ބަލާނީ، މާލޭގައި ދިރިނޫޅޭތާ އެއް އަހަރުވެފައިވުމުން ކަމަށާއި، ބޮޑު ބައްޔަކަށް ބޭސް ފަރުވާ ކުރުމަށް ނުވަތަ ކޯހެއް ފުރިހަމަ ކުރުންފަދަ ކަމެއްގައި ރާއްޖެއިން ބޭރަށް ދިޔުމުގެ ސަބަބުން މާލޭގައި އުޅުނު މުއްދަތު ގުނުމަށް ހުރަހެއް ނެތް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
އަދި ރާއްޖެއިން ބޭރުގައި ކިޔެވުމާއި، މާލޭގައި އާއިލާއާއެކު އުޅެ، ރިސޯޓެއްގައި ވަޒީފާ އަދާ ކުރި މުއްދަތާއި، މާލޭގައި ވަޒީފާގައި އުޅެމުން، މާލެއިން ބޭރަށް ގޮސް އުޅެން ޖެހުނު މުއްދަތު ވެސް އިސްތިސްނާ ވާނެ ކަމަށާއި، މިއީ މާލޭގައި އުޅުނު އަހަރު ގުނުމުގައި ކުރިން ވެސް އަމަލު ކުރަމުން އައިސްފައިވާ އުސޫލުކަން މުއްތަލިބު ފާހަގަކުރެއްވިއެވެ.
މިހާރު ކުރަން އުޅޭ މަސައްކަތަކީ، ފްލެޓަށް އެދި ހުށަހެޅި 4000 މީހުން ހުށަހެޅި ތަކެތި ބަލައި، ޝަރުތުހަމަވޭތޯ، ނުވަތަ ނޫންތޯ ޔަގީންކުރުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
”ފްލެޓް ލިސްޓުގައިވާ ފަރާތެއް ލިސްޓުން އުނިވާނަމަ، އެއީ ކީއްވެކަން އާއްމުންނަށް އެނގޭނެ.“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މުއްތަލިބު ވިދާޅުވީ ލިސްޓުގައިވާ މީހުންނަށް ފްލެޓު ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ މަގްސަދު ކަމަށް ވިޔަސް، ލިސްޓު ވެރިފައި ކުރަން ޖެހެނީ ކަމާބެހޭ ފަރާތްތަކުން އެކަމަށް ލަފާދީފައިވާތީ ކަމަށެވެ.
މިއީ ފްލެޓަށް އެދި ފޯމު ހުށަހެޅި 20،000އަށްވުރެ ގިނަ މީހުންގެ ފޯމު ރީއިވެލުއޭޓް ކުރުން ނޫން ކަމަށާއި، ފްލެޓް ލިބުނު ކަމަށް ލިސްޓުގައިވާ މީހުންގެ ފޯމުތައް ވެރިފައި ކުރުމަށް ކުރާ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އަޅުގަނޑުގެ އުއްމީދަކީ ރޯދަ މަސް އަންނަންވާއިރަށް، މި ވެރިފިކޭޝަންގެ މަސައްކަތް ނިންމާ، ގެޒެޓު ކުރުން.“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ލިސްޓު ގެޒެޓު ކުރެވިގެންދާއިރު، މީހަކު ހޮވުނު ނަމަ، ހޮވުނު ގޮތާއި، ނުހޮވޭނަމަ، ނުހޮވޭ ސަބަބު ވެސް ތަފްސީލާއެކު ހިމަނާނެ ކަމަށެވެ.
ފްލެޓު ލިސްޓާ އެއްގޮތަށް ފްލެޓު ދޫކުރުން މަޑު ޖައްސައިލީ، ވަރަށް ގިނަ މައްސަލަތަކެއް ފާހަގަވެ، ފްލެޓު ދޫކުރުން މަޑު ޖައްސައިލުމަށް އޭސީސީން އޭރު އެންގުމުންނެވެ.
އޭސީސީގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފްލެޓު ލިބުނު ފަރާތްތައް މާލޭގައި 15 އަހަރު ދިރިއުޅުނުތޯ ބެލުމުގައި، އެކި ފަރާތްތަކަށް އެކި ގޮތްގޮތަށް އަމަލުކޮށްފައިވުން ކަމަށާއި، އެއް ހަމައެއް ގެންގުޅެފައި ނެތުން ކަމުގައި މިނިސްޓަރު މުއްތަލިބު މިއަދު ވިދާޅުވިއެވެ.


ސާބަހޭ މިނިސްޓަރު.ބަލާތި ރަގަޅަށްބަލާތި!އަޅުގަނޑުމެން މާލޭގައި ދިރިއުޅޭތާ25އަހަރު، 3ދަރިންމާލޭގެސްކޫލުތަކުގައިޕްރީސްކޫލުންފަށައިގެންމިއުޅެނީ،އެމްޑީޕީމީހުން،ޕީޕީއެމް،ނުވީމާމިދިޔަ3ފަހަރުވެސްފްލެޓަށްލައިގެންނުލިބޭ،މާލޭގައިދަތިހާލުމާލޭއުޅޭމީހުންތިއްބާ ރަށުގައިއުޅޭ މީހުންނަށްވެސް ފުލެޓުދީފައެބަހުރި
ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ޚިލާފަށް ދޫކޮށްފައިވާ ގޯތިތަކުގައި މަސައްކަތްކުރުން ހުއްޓުވާ އެގޯތިތައް ލިބިފައިވަނީ ގާނޫނީ ހަމަ ތަކުގެ މަތީން ލިބެންވާ ފަރާތައްތޯ ބަލާ ހައްގުވާ ފަރާތްތަކަށް ގޯތި ދޭން ޖެހޭ. ގާނޫނާއި ޚިލާފަށް ހޯދާފައިވާ ގޯއްޗެއްގައި ކޮށްފައިވާ މަސައްކަތްތަކަށް ބަދަލު ދޭކަށް ނުޖެހޭނެ. އުސޫލު ހަދައިގެން ގައުމުގެ އަގުބޮޑު މުދާ ނުބެހޭނެ. އަންހެނުންނަށް ގޯއްޗެއް ނުވަތަ ފުލެޓެއް ހުރެގެން ފިރިމީހާއަށް ގޯތި ހޯދަން ޕޮއިންޓް އުނިވެގެން ނުވާނެ. އެއީ ގާނޫނާއި ޚިލާފުކަމެއް. އެހެންނޫނިއްޔާ މިފަދަ ކަންކަން ދާނީ ތަކުރާރުވަމުން.
ވަރަށް ފަސޭހަކަމެއް. ކިޔަވަން އުޅުނީ ކޮންތާކު ކިހާދުވަހަކު؟ ވަޒީފާ އަދާކުރީ ކޮންތާކު ކިހާ ދުވަހަކު؟ ދެންއުޅުނީ ކޮން ތަނެއްގަ؟