އަމާޒަކީ އެންމެ ފުރަތަމަ ވެސް ޑިޖިޓަލް ޓެކްނޮލޮޖީ އިހްތިޔާރު ކުރާ ސަރުކާރެއް ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އެސްޓޯނިއާގެ ރައީސަށް ލަފާ އަރުވާ އެޤައުމުގެ ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލާއެކު ރައުންޑްޓޭބަލް މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައުންޑްޓޭބަލް މަޝްވަރާތަކުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޑިޖިޓަލް ރާއްޖެއަކަށް ދިވެހިރާއްޖެ ހެއްދެވުމަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު ހިއްސާ ކުރެއްވިއެވެ.

ޑިޖިޓަލް ރާއްޖޭގެ ތަސައްވުރަކީ، އެންމެންނަށްވެސް ބޭނުންހިފެނިވި، ދެމެހެއްޓެނިވި އަދި ވިލުންވެރި ތަސައްވުރެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

އަމާޒަކީ އެންމެ ފުރަތަމަ އިހްތިޔާރަކަށް ޑިޖިޓަލް ޓެކްނޮލޮޖީ ހިޔާރު ކުރައްވާ ސަރުކާރެއް ބިނާކުރެއްވުން ކަމަށާ، މިފަދައިން ކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ސަމާލުކަންދެނިވި މޭރުމަކުން ކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އެއާއެކު ކޮންމެ ދިވެއްސަކީ، އެ މީހަކު އެ އިރެއްގައި ހުރި ތަނެއް އިސްތިސްނާވުމެއް ނެތި، ޓެކްނޮލޮޖީގެ ތެރެއިން ބާރުވެރި ކުރެވިފައިވާ ރައްޔިތަކަށް ހެދުން ކަމުގައި ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެސްޓޮނިއާގެ ރައީސް، ޑޮކްޓަރ އަލާރް ކަރިސް ދެއްކެވި ވާހަކަފުޅުގައި، ޑިޖިޓަލް ކުރިއެރުންތައް ހޯދުމުގައި އެސްޓޯނިއާއިން ހޯދާފައިވާ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލައްވައި، އީޖާދުތަކަށް މަގުފަހިކުރުމުގެ މޭރުމުން ދިވެހިރާއްޖެއާއި އެސްޓޯނިއާގެ ގުޅުން ބަދަހިކުރުމަށް ހިތްވަރުދެއްވިއެވެ.

އަދި މިހާރަށްވުރެ ކުރިއަރާފައިވާ އަދި ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމަށް އެންމެން ގުޅިގެން އީޖާދީ ޙައްލުތަކެއް ހޯދުމަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެސްޓޯނިއާގެ ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.