ދަރިވަރަކަށް އަނިޔާކުރި ޓީޗަރެއްގެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، މާލެ ސަރަހައްދުގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑްގެ ހާއްސަ އެހީ އަށް ބޭނުންވާ ކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރިކަމަށް ސްކޫލްގެ ފަރާތުން މިނިސްޓްރީގެ ސަމާލު ކަމަށް ގެނައުމުން މިނިސްޓްރީއިން ވަނީ މައްސަލަ ޕޮލިހަށް ހުށަހަޅައިފައިވާ ކަމަށެވެ.

ދަރިވަރަކަށް ދިމާވި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވީ ދަރިވަރުންނަށް މިފަދަ އަނިޔާ ދިނުމަކީ ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ.

މި ފަދަ މައްސަލަތައް މިނިސްޓްރީގެ ފަރާތުން ޒިންމާދާރުކަމާއެކު ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ތަކުރާރު ނުވާނޭހެން ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި ޒިންމާދާރުކަމާއެކު ދަރިވަރުންގެ ހައްގުތައް ހިމާޔަތްކޮށް އުފާވެރި އަމާން މާހައުލެއްގައި ދަރިވަރުން ތައުލީމު ހާސިލްކުރުމަށް ޓީޗަރުން ހާއްސަ ސަމާލުކަމެއް ދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގަންނަވައިފައެވެ.

އެޑިއުކޭޝަނުން ހުށަހެޅި މައްސަލަ ތަހުގީގު ކުރަމުންދާކަން ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.