ވުޟޫކޮށްގެން ހުރެ، ތުއްތު ދަރިފުޅު ކުޑަކަމުދިޔުމުން، ނުވަތަ ބޮޑުކަމުދިޔުމުން އެ ކުއްޖާގެ ނެޕީ ބަދަލު ކޮށްފިނަމަ، ވުޟޫ ގެއްލޭނެތޯ، ޝެއިޚް އާސިމް އަލް ހަކީމްއާ ސުވާލު ކުރެވުނެވެ.

މި ސުވާލުގެ ޖަވާބުގައި ޝެއިޚު ވިދާޅުވީ، އެ ހާލަތުގައި ތިބާގެ ވުޟޫ ނުގެއްލޭނެ ކަމަށެވެ.

ސަބަބު ބަޔާންކޮށްދެއްވަމުން އޭނާ ވިދާޅުވީ، ވުޟޫގެ ހާލަތުގައި ވަނިކޮށް، ނުތާހިރު އެއްޗެއްގައި އަތްލެވުމުން، އަތް ދޮވެލުމުން ނިމުނީ ކަމުގައެވެ. އަދި އަލުން ވުޟޫ ކުރަން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް، ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއްގައި އަތްލެވިއްޖެނަމަ، ވުޟޫ ގެއްލިދާނެ ކަމާމެދު އިހްތިލާފު އުފެދިފައިވާ ކަމަށް ޝެއިޚު ވިދާޅުވިއެވެ.

ސަބަބަކީ ޖިންސީ ގުނަވަނެއްގައި އަތްލެވިއްޖެނަމަ، ވުޟޫ ގެއްލޭނެ ކަމަށް ނަބިއްޔާ (ސ.އ.ވ)ގެ ހަދީޘްގައި ވުންކަމަށާއި، އެހެންނަމަވެސް އެންމެ ގިނަ އިލްމުވެރިން ބުރަވެލައްވާ ގޮތަކީ، ނަޖިހުން ތާހިރު ކުރުމުގެ ގޮތުން، ތުއްތު ކުއްޖެއް ނުވަތަ ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނުގައި އަތްލެވިއްޖެނަމަ ވުޟޫ ނުގެއްލުން ކަމުގައި ޝެއިޚު ވިދާޅުވިއެވެ.