މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް މޫދަށް ނުވަތަ ކަނޑަށް ފުންމައިލެވޭނީ ޖެހިލުން ކުޑަ، ކެރޭ މީހަކަށެވެ.

އިއްޔެ ވިލިމާލޭގައި މޫދަށް އެރި އުޅެނިކޮށް އޮޔާ ދިޔަ ފިރިހެންމީހާ ސަލާމަތް ކުރުމަށް، ނަގަމުންދިޔަ ރާޅުތަކަށް ނުބަލައި، މޫދަށް އެރުނު ދެ މީހުން ދެއްކީ އާދަޔާ ހިލާފު ހިތްވަރެކެވެ.

އިއްޔެގެ ހާދިސާގެ ހަގީގީ ބަތަލުންނަކީ އެމްއެންޑީއެފް ސިފްކޯގައި މަސައްކަތް ކުރަމުންދާ މުހައްމަދު ފަޒީލް އާއި އޭނާގެ ކޮއްކޮ އަައިމިނަތު ޝުހާނާއެވެ.

އޮޔާ ދިޔަ މީހާގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރި ގޮތް ފަޒީލް ވަނީ މި ނޫހަށް ކިޔައިދީފައެވެ.

ފަޒީލް ”އަސުރަށް“ ބުނީ، އޭނާ އާއިލާއާއެކު މޫދަށް ގޮސް އުޅެނިކޮށް، ހަޅޭކުގެ އަޑުއިވުމުން ވެގެން އުޅޭ ގޮތް ބަލައިލިއިރު، މީހަކު އޮޔާދާކަން އެނގުނު ކަމަށެވެ.

އެހެންވެ، ލަސްނުކޮށް، އެ މީހާގެ ފުރާނަ ސަލާމަތްކޮށްދިނުމަށް ކޮއްކޮއާއެކު އަވަހަށް މޫދަށް އެރުނީ ކަމަށް ފަޒީލް ބުންޏެވެ.

ފަޒީލް ކިޔައިދިން ގޮތުގައި، އޭރު ކަނޑުން ފެންނަނީ އޮޔާ ދިޔަ މީހާގެ އަތް އެކަންޏެެވެ. އެ ހިސާބުގައި ރާޅުތައް ބޮޑެތި ވެފައި، އޮއި ވެސް ގަދައެވެ. ވަރަށް ދުރަށް ފަތާފައި ދިޔަތަނާ އެމީހާ ފަޒީލުމެންގެ ލޯމައްޗަށް ގެއްލުނެވެ.

 

”ފަހުން ތޮށިގަނޑު ކައިރީގައި ތިބި ބަޔަކު ދެއްކީމަ، އެ ދިމާއަށް ދިޔައީ. ދެ ފޫޓު ދޮޅު ފޫޓަށް ރާޅު ވެސް ހުރި.“ ފަޒީލް ބުންޏެވެ.

ފަޒީލް ބުނީ އޮޔާދިޔަ މީހާ ފެނުނުއިރު އޭނާ ވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށާއި، އެމްޓީސީސީގެ ފެރީ ކައިރި ކުރީ، އެމީހާ އަށް އެހީވުމަށް ކައިރިއަށް ދެވުނު ވަގުތު ކަމަށެވެ.

އޭގެ އިރުކޮޅެއް ފަހުން ޕޮލިސް ލޯންޗު ވެސް އެތަނަށް އައުމުން، އެ މީހާ އެމްޓީސީސީގެ ފެރީއަށް އަރުވަން އެހީވެ ދިނުމަށްފަހު، ފަޒީލްމެން އެރީ ޕޮލިސް ލޯންޗަށެވެ.

މި ހާދިސާގައި އޮޔާ ގޮސްފައި ވަނީ އުމުރުން 55 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން އިއްޔެ ބުނިގޮތުގައި، ހާދިސާ ހިނގިކަމުގެ މަޢުލޫމާތު އެ މުއައްސަސާއަށް ލިބުނީ، 3:55 ހާއިރު ކަމަށެވެ.

ފަރުވާއަށް އެ މީހާ ފުރަތަމަ ގެންދިޔައީ ވިލިމާލެ ހޮސްޕިޓަލަށެވެ. އޭގެ ފަހުން ސީއެމްބިއުލާންސްގައި ގެންދިޔައީ އައިޖީއެމްއެޗަށެވެ.

އޭނާ އަށް އައިޖީއެމްއެޗުގައި މިހާރު ވެސް އަންނަނީ ފަރުވާ ދެމުންނެވެ. އަދި ހާލު ރަނގަޅު ކަމަށް ވެސް އާއިލާގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.