ރަމަޟާން މަހުގައި ރައްޔިތުންނަށް ބަހާނީ ސައިޒް ކުޑަ ކުރި މަސް ދަޅު ނޫން ކަމަށް މިފްކޯއިން ބުނެފިއެވެ.
ކުރިއަށް އޮތް ރޯދަ މަހަށް ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް މަސްދަޅު ކޭސް ހަދިޔާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
ރޯދައަށް ބަހަނީ ސައިޒް ކުޑަކޮށްފައިވާ މަސް ދަޅުތަކެއް ކަމަށް މީސްމީޑިއާގައި ބުނަމުންދާއިރު، އެކަމާ ގުޅިގެން މިފްކޯއިން މިއަދު އެކްސްގައި ބުނީ އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ރޯދަ ހަދިޔާގެ ގޮތުގައި ބަހާނީ ބޮޑެތި މަސްދަޅު ކަމަށް ވެސް މިފްކޯ އިން ބުންޏެވެ.
އަދި ރޯދަޔަށް ގޭބިސީތަކަށް ހިލޭ ބަހާ މަސްދަޅުން 40 ގްރާމް މަސް އުނި ނުވާނެ ކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއިން މިފަހުން ވަނީ 140ގްރާމްގެ މަސް ދަޅެއް ނެރެފައެވެ. މިއީ ކުދި ގޭބިސީތަކަށާއި އެއްފަހަރު ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި ނެރުނު މަސްދަޅުތަކެކެވެ.

