ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ދިޔަ ހަަ ކުއްޖަކު އަނބުރާ އަތުވެއްޖެއެވެ.

ތެލަސީމިއާ ބަލި ތަހައްމަލު ކުރާ ކުދިންނަށް، ދެމެހެއްޓެނިވި ގޮތަކަށް، ހިލޭ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދޭނެ ގޮތް ފަހި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

މޯލްޑިވިއަން ބްލަޑް ސާވިސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ މުއައްސަސާގެ އެހީއާއެކު ޓްރާންސްޕްލާންޓް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފުރާފައިވާ ހަ ކުއްޖަކު މިހާރު އަނބުރާ ރާއްޖެ އައިސްފައިވާ ކަމަށެވެ.

އަދި މިއީ ތެލަސީމިއާ ހުންނަ ކުދިންނަށް ދެވޭ އެހީ ރަނގަޅުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ހެއްކެއް ކަމަށްވެސް ބުންޏެވެ.

ހެލްތު މިނިސްޓްރީން ބުނީ ބޯން މެރޯ ހެދުމަށްޓަކައި މިވަގުތު ރާއްޖެއިން ބޭރުގައި ހަތް ކުއްޖަކު އެބަތިބި ކަމަށެވެ.

އޭގެ ތެރެއިން ފަރުވާއަށްފަހު ތިން ކުއްޖަކު، އަންނަ މަހުގައި ރާއްޖެ އަންނާނެ ކަމަށާއި ބާކީ ތިބި ހަތަރު ކުދިން ފަރުވާ ހޯދަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.