ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކެބިނެޓަށް ގެންނެވި ބަދަލުތަކާއެކު އަލުން އައްޔަންކުރެއްވި ހަތަރު މިނިސްޓަރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެ ހަތަރު މިނިސްޓަރުންނަކީ ޕްލޭނިން އެންޑް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި، ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓަރު ޑރ. މުއްތަލިބާއި، ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދާއި، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއާއެވެ.
މި މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާގައެވެ.
ކޮމިޓީން މީގެ ކުރިން ވެސް އެ މިނިސްޓަރުންނަށް ރުހުން ދީފައިވާތީ، އިއްޔެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވެސް ހުރިހާ މެންބަރުންގެ އިއްތިފާގުން ރުހުން ދިނުމަށް ވަނީ ފާސްކޮށްފައެވެ.
އޭގެއިތުރުން، މިއަދު މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ދެވަނަ ޖަލްސާގައި އެ މިނިސްޓަރުންނަށް ރުހުން ދޭން ވޯޓަށް އަހައި، ހަތަރު މިނިސްޓަރުންނަށް ވަނީ ރުހުން ދީފައެވެ.
އެގޮތުން، ޕްލޭނިން އެންޑް ފިނޭންސް މިނިސްޓަރު ކަމަށް ޒަމީރު އައްޔަން ކުރުމަށް 67 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓަކްޗާ މިނިސްޓަރު ކަމަށް މުއްތަލިބު އައްޔަން ކުރަން ފާސްކުރީ ވެސް 69 މެންބަރުންގެ އިއްތިފާގުންނެވެ.
އަދި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރަކަށް މާރިޔާ އައްޔަންކުރަން ފާސްކުރީ 70 މެންބަރުންގެ އިއްތިފާގުންނެވެ.
ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްސް މިނިސްޓަރު ކަމަށް ޑރ. ހައިދަރު އައްޔަން ކުރަން 64 މެންބަރުން ތާއިދުކުރިއިރު، ހަ މެންބަރަކު ވަނީ ދެކޮޅަށް ވޯޓު ދެއްވާފައެވެ.
އެއީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ.

