ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި، ރ.ވާދޫ އަކީ އިޔާދަ ކުރުވަނިވި ހަކަތައިން ހިންގާ ރަށަކަށް ހެދުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ.އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، ވާދޫ އަށް ވަޑައިގެން ރައީސް ވިދާޅުވީ، ވާދޫ އަކީ އިޔާދަ ކުރުވަނިވި ހަކަތައިގެ ދަށުން، ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ރަށެއް ކަމަށެވެ.
2028 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ 33 އިންސައްތަ އަކީ ކަރަންޓުގެ ހިދުމަތް، އިޔާދަކުރުވަނިވި ހަކަތައިން ފޯރުކޮށްދޭ ތަންތަނަށް ހެދުމަކީ ގައުމީ ފެންވަރުގައި ކަނޑައެޅިފައިވާ އަމާޒެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
”އެހެންވެ، އެ މަޝްރޫއުގެ ތެރެއިން އަޅުގަނޑު ވަރަށް ބޭނުން، ތި ބޭފުޅުންގެ ތި ވިސްނުން ހުންނަ ގޮތަށް ބަލާއިރު، މި ރަށް މީ، މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، މުޅި ރަށުގެ ހުރިހައި ހަކަތައެއް އިޔާދަ ކުރުވަނިވި ހަކަތަ، ސޯލަރ ޕަވަރ ހާއްސަކޮށް، ބޭނުންކޮށްގެން ދޭ ރަށަކަށް ހެދުން.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވާދޫގެ ރައްޔިތުން ވެސް މިކަމަށް އެދޭކަމަށްވާނަމަ، ސަރުކާރާ ރައްޔިތުން ގުޅިގެން ރަށުގެ ގެތަކާއި، އެހެނިހެން ތަންތަނަކީ އިޔާދަ ކުރުވަނިވި ހަކަތައިން ހިންގާ ތަންތަނަށް ހެދޭނެ ކަމަށެވެ.

