ރާއްޖޭގެ އެކި ރަށްތަކަށް އެމަނިކުފާނު ދަތުރުފުޅު ކުރައްވަނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން އަރުވަން ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރ.ވާދޫ އަށް މިއަދު ވަޑައިގެން، ރައީސް ވިދާޅުވީ، މި އަހަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފެށިގެންދާނެ އަހަރު ކަމަށެވެ.
2023 ވަނަ އަހަރު، ރިޔާސީ އިންތިހާބުގެ ތެރޭގައި ވާދޫއަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ތަކުރާރު ކުރައްވައި، އެކަންކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.
”އަޅުގަނޑު މި ދަތުރުތައް މި ކުރަނީ ކަންކަން ކޮށްދިނުމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން. ކަމާގުޅޭ ވުޒާރާތަކުގެ ވަޒީރުން ރައްޔިތުންނާއި ހަމައަށް އަޅުގަނޑާއި އެކީގައި ވަޑައިގެން ރައްޔިތުން ބޭނުންވާ ގޮތް އޮޅުން ފިލުއްވައި، ކަންކަން ކުރެވޭނެގޮތް ސާފުކޮށް ރައްޔިތުންނަށް ކިޔައިދެއްވައި، ނަތީޖާ ނެރެދިނުމުގެ ބޭނުމުގައި.“ ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި އެކަން ކުރުމަށް މިހާރު މަޝްރޫއެއް ފެށިފައިވާ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެރަށެއްގެ އާބާދީ އާއި އިގުތިސޯދާއި ރަށުގެ ބޭނުންތަކަށް އެންމެ އެކަށޭނަ ޕޮލިސް ޕޯސްޓެއް ނުވަތަ ޕޮލިސް ސްޓޭޝަނެއް ގާއިމް ކުރާނެ ކަމަށާއި އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރު ކުރެވެމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”އަމާޒަކީ މި ފެށިގެންދާ އަހަރު ނިމެންވާ އިރު، 2025 ވަނަ އަހަރުގެ ނިޔަލަށް ދާއިރުގައި މުޅި ރާއްޖޭގައި ވެސް ކޮންމެ ރަށެއްގައި ވެސް އެރަށެއްގައި އެންމެ އެކަށީގެންވާ ފެންވަރުގެ ޕޮލިސް ހިދުމަތް ދެވޭނެ އަމިއްލަ ތަނެއް، ތަނެއް ކުއްޔަށް ހިފައިގެންނެއް ނޫން، އަމިއްލަ އިމާރާތެއް އެކަމަށް އެންމެ އެކަށީގެންވާ ފެންވަރެއްގައި ގާއިމް ކުރުން.“
ރައީީސް ވަނީ މި މަޝްރޫއުގެ ދަށުން ވާދޫގައި ވެސް ޕޮލިސް ސްޓޭޝަނެއް އަޅާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.

