ރ.ރަސްގެތީމުގެ ތަރައްގީއަށް ކުރަންހުރި ކަންކަން އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި ބާރު ދުވެލީގައި ކޮށްދެއްވާނޭކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެ ރަށު ރައްޔިތުންނަށް ދެއްވައިފިއެވެ.

ރައީސް މި ޔަގީންކަން ދެއްވީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން، ރަސްގެތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ސަރުކާރުގެ އަމާޒަކީވެސް، އަދި ޕްލޭނަކީވެސް، ރިޔާސީ ކެމްޕެއިންގެ ތެރޭގައި އެރަކަށް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ހުރިހާ ކަމެއްވެސް މި އަހަރުގެ ތެރޭގައި ފަށައި، ބައެއް ކަންކަން މި އަހަރުގެ ތެރޭގައި ނިންމެވުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ރަސްގެތީމުގެ ބަނދަރުގެ މަސައްކަތް މި އަހަރު ތެރޭ ފައްޓަވާނެ ކަމަށާއި، ސްކޫލްގެ ކްލާސްރޫމްތަކާއި ހޯލުގެ މަސައްކަތް މިއަހަރު ތެރޭ ނިންމަވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުޅިވަރުގެ ބިނާރާއި ވަސީލަތްތަކާ ގުޅުންހުރި މަސައްކަތްތަކާއި، ކުނި ނައްތާލުމުގެ މަސައްކަތްތަކާއި، ސިއްޙީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމުގެ މަސައްކަތް ކުރިއަށްއޮތް މަސްތަކުގެ ތެރޭގައި ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޑައިގެންނެވި ކަމާގުޅުންހުރި ވަޒީރުން، ކައުންސިލާއި އ.ތ.މ ކޮމެޓީ އަދި ރަށުގެ މުވައްސަސާތަކުގެ ވެރިންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާކަން ފާހަގަކުރައްވައި، ކައުންސިލާއި މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެން ކަންކަން ތަރުތީބުވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، މިއަހަރު ނިމޭއިރު، މައްސަލަތަކަށް ޙައްލު ލިބި އެކަމުގެ އުފާފާޅުކުރާ ދަނޑިވަޅުގައި، ރައްޔިތުން އެދިވަޑައިގަންނަވާނަމަ، މަސައްކަތްތަކުގެ ނިމުން ފާހަގަކުރުމަށް އެމަނިކުފާނު ރަސްގެތީމަށް އެނބުރި ވަޑައިގަންނަވާނޭކަމަށް ވިދާޅުވަމުންނެވެ.