މިދިޔަ އަހަރުގެ މާޗު މަހު ފެށި އެއާ އެމްބިއުލާންސް މެދުވެރިކޮށް 700 ދަތުރުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ، އެއާ އެމްބިއުލާންސް މެދުވެރިކޮށް 700 ދަތުރު ކުރެވުނުއިރު، 804 ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށެވެ.
ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަނީ އައިލެންޑް އޭވިއޭޝަނުގެ ޑޭޝް މަރުކާގެ މަތިންދާ ބޯޓެކެވެ.
އެ ބޯޓު ވަނީ އިމަޖެންސީ ހާލަތުގައި ބަލި މީހާ އަށް ބޭނުންވާ ހުރިހާ ސާމާނެއް އޭގެ ތެރެއިން ލިބޭ ގޮތަށް ބަދަލު ކޮށްފައެވެ.
ހެލްތު މިނިސްޓްރީން ކުރިން ބުނީ، އެއާ އެމްބިއުލާންސްގެ ހިދުމަތަށް ހާއްސަކޮށްފައިވާ މަތިންދާ ބޯޓުގައި ކުއްލި ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެންހުރި އެންމެ ކައިރި ޓާޝަރީ ހޮސްޕިޓަލަކަށް ބަލިމީހުން އުފުލުމުގައި އަވަސް ސިއްހީ ފަރުވާ ދެވޭގޮތަށް، ތަމްރީނު ވެފައިވާ 15 ސިއްހީ ހިދުމަތްތެރިންނާއި ވަސީލަތްތައް ހުންނާނެ ކަމަށެވެ.

