ރައީސް ޑރ.މުހައްމަދު މުއިއްޒު ރ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު އެ އަތޮޅު މަޑުއްވަރިއަށް ވަޑައިގަތުމުން، އިހްތިތާޖު ކުރަމުންދިޔަ މީހެއްގެ އަޑު އައްސަވާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެ، ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ރައީސް މަޑުއްވަރިއަށް ވަޑައިގެންނެވުމުން، އެ ރަށު ބަނދަރު ސަރަހައްދުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއްވެ ތިބި މީހުންނާ އެމަނިކުފާނު ސަލާން ކުރައްވަމުން ދަނިކޮށް، ރީނދޫ ކުލައިގެ ބޯޑެއްގައި ކަންބޮޑުވުންތައް ލިޔެ، އިހްތިތާޖު ކުރަމުންދިޔަ ފިރިހެނަކު އެމަނިކުފާނުގެ ސަމާލުކަމަށް އައެވެ.

އެއާއެކު ރައީީސް ވަނީ އެ މީހާއަށް ގޮވައި، ގެނެސް، އޭނާގެ ވާހަކަތައް އަޑު އައްސަވައިފައެވެ.

އޭނާގެ ޝަކުވާއަކަށްވީ، މައްސަލައެއްގައި އިންސާފު ނުލިބި ލަސްވެގެން ދިޔުމެވެ.

އޭނާ ބުނީ ރަށު ސްކޫލަށް އޭނާ ވަރަށް ގިނަ ދުވަހު

ހިދުމަތްކޮށްފައިވާނެ ކަމަށާއި، އޭނާ އަކީ ކުށްވެރިއެއް ނޫން ކަމަށެވެ. އަދި ބަޔަކު އޭނާ ”ދުއްވައިލަން“ ބޭނުންވާ ކަމަށެވެ. މިކަމުގައި ރައީސް އޮފީހަށް ވެސް ސިޓީ ފޮނުވައިފައިވާނެ ކަމަށް އޭނާ ބުނާ އަޑުއިވެއެވެ.

އެ ސިޓީ ވިދާޅުވުމަށް ރައީީސް އަރިހުގައި ދެންނެވުމުން، އެމަނިކުފާނު ”އާދެ“ ވިދާޅުވެ، އިތުރު ވާހަކަފުޅެއް ވެސް އޭނާއަށް ވިދާޅުވާ މަންޒަރު ފެނެއެވެ.

އެމީހާގެ އަތުގައި ހުރި ލިޔުންތައް ވެސް ރައީސް ވަނީ ބައްލަވައިފައެވެ.

އިހުތިޖާޖު ކުރަމުންދަނިކޮށް، ވީޑިއޯ އިން ފެންނަނީ، މުއީން ކިޔާ މީހެކެވެ.

އޭނާ ބުނާގޮތުގައި، އިންސާފު ހޯދަން އޭނާ މަސައްކަތް ކުރަނީ 2021 ވަނަ އަހަރުގައި، ރޭޕް ކޭސްއެއްގައި އޭނާއަށް ތުހުމަތު ކުރެވުނު މައްސަލައަކާ ގުޅިގެންނެވެ. މުއީން ބުނާގޮތުން، އެއީ ބަޔަކު އޭނާ ފްރޭމް ކުރުމަށް ކުރި ކަމެކެވެ.

”އަހަރެން އެތަނަށް ދިޔައީ އެއްވެސް ހާލެއްގައި ހަމަނުޖެހުމެއް ހިންގާ، އަޑުގަދަކޮށް ކަންތައްތަކެއްކުރާކަށް ނޫނެވެ. އަހަރެން އެތަނަށް ދިޔައީ، މި ފާއިތުވީ 4 އަހަރުވެސް އަހަރެން ދައްކަމުން މިދާ ވާހަކަ ހިއްސާކުރާށެވެ. އަހަރެންގެ ޝުއޫރު ފާޅުކުރާށެވެ. އެއްވެސް ކުށެއްނެތި ނުހައްގުން ދީފައިވާ އަނިޔާ އާއި ގެއްލުވާލާފައިވާ ހައްގުތަކަށް އިންސާފަށް އެދޭށެވެ. އެއަކު ގޯސް އެއްޗެއްވެސް ލިޔެފައެއް ނޯންނާނެއެވެ. ނަމަވެސް އެ ލިޔެފައި އޮތް އެތި ދިނުމަށާއި، އެކަން ކުރިޔަ ނުދޭން އުޅުމުން ކެތްރިކަން ކޮޅުންލީއެވެ. އެ ދިން ނުހައްގު އަނިޔާތަކަށް ލައްކަ ދުވަހު ކެތްކޮށްފީމެވެ. އެކަމުގެ ސަބަބުން މި މަޑުއްވަރީގެ ނަމަށް ހުތުރުވެ، މަންޒަރު ހަޑިވެފައިވާނަމަ، މަޑުއްވަރީ ރައްޔިތުންގެ ކިބައިން މައަަފަށް އެދެމެވެ. އަދި ރައީސް މުއިއްޒުގެ އިސްނެންގެވުމުގައި އަހަންނަށް ގޮވާ ގެނެސް ޝުއޫރު ފާޅުކުރަން ފުރުސަތު ދެއްވީތީ ރައީސްއަށް ޝުކުރު އަދާކުރަމެވެ. އެދުމަކީ އެކަންކަން އިންސާފުން ބައްލަވައިދެއްވާ އަހަންނަށް އެ ލިބެންޖެހޭ އިންސާފު ހޯއްދަވައިދެއްވުމެވެ.“ އޭނާ ފޭސްބުކްގައި ލިޔެފައިވެއެވެ.

މީސްމީޑިއާގައި މި ވީޑިއޯއަށް ކޮމެންޓު ކުރި ބައެއް ފަރާތްތަކުން ބުނީ، މީގެ ކުރިން އެގޮތަށް ހިޔާލުފާޅުކުރާ މީހުންނާމެދުގައި ވެރިން އަމަލު ކުރައްވާފައިވާ ގޮތް ތަފާތު ކަމަށާއި، ރައީީސް މުއިއްޒުގެ މަޑުމައިތިރި މިޒާޖު ކަމުދާ ކަމަށެވެ.

އަދި ބައެއް މީހުން ބުނީ، ވީޑިއޯ ކުރާތީ އެ މީހާގެ އަޑު އެއްސެވިޔަސް، މައްސަލަ ހައްލުކޮށްނުދެއްވައިފިނަމަ، ވީޑިއޯ ދައުރު ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ރައީީސް ރ.އަތޮޅަށް ފައްޓަވައިފައިވާ ދަތުރުފުޅުގައި ގިނަ ރަށްތަކަށް ވަޑައިގެން، އެ ރަށްރަށަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ކައުންސިލުތަކާ މަޝްވަރާ ކުރައްވައިފައިވެއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅު ނިންމަވައިލެއްވުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުއެވެ.