ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިންނަމާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްގީއަށްޓަކައި ކުރަން ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރޭ އިންނަމާދޫ ސުކޫލުގައެވެ.
ރޭގެ ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި ރައްޔިތުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް އަވަހަށް ފުރިހަމަކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން އިނަންމާދޫ ޞިއްޙީ މަރުކަޒާއި، ސޫކޫލުގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވައި އެކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު، ނަރުދަމާގެ ނިޒާމުގެ ކަނެކްޝަންތަކުގެ މައްސަލަތައް ހައްލު ކޮށްދެއްވައި، ރަށުގެ މަގު ހެދުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށާއި، ރަށުގެ ފެނުގެ މައްސަލައަށް ދާއިމީ ޙައްލެއް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ފުއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށެވެ.
އަދި އެމަނިކުފާނު ވަނީ ރޭގެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.

