ރަށުގެ ތަރައްގީއަށްޓަކައި އެކިއެކި މަސައްކަތްތައް ކުރަންޖެހިފައި އެބަހުރި ކަމަށާ، އެ ހުރިހާ ކަމެއްވެސް ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކޮށްދިނުމުގައި އަދުގެ ސަރުކާރުން ބާރު ދުވެލީގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރ. އިންނަމާދޫގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
ރައީސް މި ޔަގީންކަން ދެއްވީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އިންނަމާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުގައެވެ.
މިހާރު ފާސްކޮށްފައި އޮތް ބަޖެޓުގެ ތެރެއިން، މިފަދަ އެކި ކަންކަމުގައި އަމަލީ ސިފަޖެހިގެންދާނެ ކަމުގެ ޔަގީންކަން ދެއްވައި، ރައީސް ވިދާޅުވީ، މި ހިނގާ 2025 ވަނަ އަހަރަށް ފާސްކޮށްފައި އޮތް ބަޖެޓުން އެންމެ އިސްކަމެއް ދެއްވަނީ ބޯހިޔާވަހިކަމުގައި ހުރި ދަތިކަމަށް ދާއިމީ ހައްލު ހޯއްދަވައިދެއްވަން ކަމުގައި ވާއިރު، ރަށު ކައުންސިލުން ބިން ކަނޑައަޅައި ހަމަޖައްސަވައި ދެއްވުމާއެކު ކޮންޓްރެކްޓަރުން ހަމަޖެހުނުހާ އަވަހަކަށް، ރ. އިންނަމާދޫގައި 50 ޔުނިޓްގެ ހައުސިންގް މަޝްރޫޢެއް ހިންގަވަން ނިންމަވާފައި ވާ ކަމުގައެވެ.
ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލު ހޯއްދަވައިދެއްވުމަށް ފަހު ދެން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ތައުލީމީ އަދި ސިއްހީ ދާއިރާއަށް ކަމުގައި ވީ ނަމަވެސް، ވަކިވަކި ރަށްރަށުގެ ހާއްސަ ބޭނުންތަކަށް އިސްކަންދެއްވާނެކަން ފާހަގަކުރައްވައި ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީީސް ވަނީ، ރ. އިންނަމާދޫ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައި ދެއްވުމަށް އިސްކަން ދެއްވާނެކަމަށް ވިދާޅުވެފައެވެ.
އެގޮތުން، ބަނދަރުގެ މައްސަލަ ހައްލު ކުރުމަށް ފަށާފައިވާ މަޝްރޫއު އަމަލީ ގޮތުން ހިންގަވައިދެއްވައި، ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން، ރައީސް ވަނީ ދެއްވާފައެވެ.
އިންނަމާދޫގެ ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއަށް ބޭނުންވެފައިވާ ތަރައްގީ ގެނެސްދެއްވާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.
އެގޮތުން ސިއްހީ ދާއިރާއަށް ގެންނަން ބޭނުންވެފައިވާ އުމްރާނީ އަދި އިންސާނީ ވަސީލަތުގެ ތަރައްގީއާއި، ތަކެތީގެ ގޮތުން ގެންނަންޖެހޭ ތަރައްގީއާއި ހިދުމަތުގެ ވަގުތު އިތުރުކުރުމުގެ ކަންކަން، ރައްޔިތުން އެދިވަޑައިގެންފައިވާ ގޮތަށް މި އަހަރު ތެރޭގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ތަކުރާރުކޮށް ދެއްވާފައެވެ.

