ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އިންނަމާދޫ ވޮލީ ކޯޓު މިއަދު ހެނދުނު ހުޅުއްވައިދެއްވައިފިއެވެ.

އިންނަމާދޫ ވޮލީ ކޯޓު ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެތަން ބައްލަވާލައްވާފައެވެ.

އިންނަމާދޫ ރައްޔިތުންނާއެކު ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި، ޒުވާނުންނަށް ކުޅިވަރުގެ ދާއިރާއިން ބޭނުންވާ ވަސީލަތްތައް ގާއިމުކޮށްދެއްވުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ވޮލީ ކޯޓު ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެ ރަށުގައި ސަރުކާރުން ގާއިމުކުރާ ފުލުހުންގެ މަރުކަޒާއި ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި އިންނަމާދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އަލީ އިހުސާންއެވެ.

އަދި ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް އުމަރުއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ކެބިނެޓްގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.