ފައިނު އެއާޕޯޓުގެ މަސައްކަތް ކުރުމަށް ފެބްރުއަރީ މަހުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީއާ) އެކު އެއްބަސްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.

ރައީސް މިކަން އިޢުލާންކުރެއްވީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން، ފައިނު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި މަސައްކަތްކުރައްވާނީ، މިއަދު އިފްތިތާހު ކުރެއްވި ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތަށް ހުއްޓުމެއް ނާންނާނޭ ގޮތަށް އެއާޕޯޓު އެޅުމަށް ބޭނުންވާ ޖާގަ ހޯއްދަވައިގެން ކަމަށެވެ.

މިއީ އެ ރަށާއި އެ ސަރަހައްދުގެ އިގްތިސާދީ ކުރިއެރުމަށް އޮތް ފުރުސަތެއް ކަމަށާއި، މިއީ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރެވޭ އިންވެސްޓްމަންޓަކަށް ވެގެންދާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދެން އެރަށަށް ވަޑައިގަންނަވަން އުންމީދުކުރައްވަނީ އެއާޕޯޓު ހުޅުވުމަށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ފައިނުގައި އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތް ކައުންސިލް އިދާރާ މެދުވެރިކޮށް ކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އާއި އެ ރަށު ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.