ހއ. ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ކަނޑުމަގުން ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރު / ނަބީޒްގެ، އަޙްމަދު އަބޫބަކުރު (45އ) އާއި ހއ. ހޯރަފުށި / މާވާގެ، އަޙްމަދު ރަމީޒް (36އ)އެވެ.

ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ހޯރަފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން، އިއްޔެ ހިންގި އޮޕަރޭޝަނުގައި ހޯރަފުށީ މަގުމަތިން ކަމަށެވެ.

އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 46 ގްރާމް ކަމަށް ފުލުހުން ބުނެއެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގުކުރަމުންނެވެ.