ފުލުހުންހެ ހިދުމަތަށް ނުކުންނަ ކޮންމެ ފުލުހަކު ވެސް މައިގަނޑު ހަތަރު ކަމެއްގައި ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިހެން ގޮވައިލެއްވީ 38 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިންނާ ވާހަކަ ދައްކަވަމުންނެވެ.
އެއީ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރުމަށާއި، ގޭންގުތައް ނައްތާލުމަށާއި، ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ އިތުރުން ކުށުގެ ވެއްޓަށް ހުށައެޅިފައިވާ އަދި ހުށައެޅެމުންދާ ކުޑަކުދިން ސަލާމަތް ކުރުން ކަަމަށް އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ ރާއްޖޭގައި ދެމުން އަންނަ ފުލުހުންގެ ހިދުމަތަކީ އުނދަގޫ ހިދުމަތެއް ކަމަށެވެ.
އެއީ ގުދުރަތީ ގޮތުން ރާއްޖޭގެ ރަށްތައް ދުރުދުރުގައި އުފެދިފައި ހުރުމުން، ދަތުރުފަތުރުގެ ދަތިކަން ވެސް އޮތުމުން ކަމަށް އިހުސާން ފާހަގަކުރެއްވިއެވެ.
އެ މަސައްކަތުގެ ތެރެއިން ގިނަ ފުލުހުން އެކިއެކި ރަށްރަށަށް ޑިޕްލޯއި ކުރެވޭނެކަން އިހުސާން ފާހަގަ ކުރެއްވިއެވެ.
އަދި ކޮންމެ ފަހަރަކު ޑިއުޓީ ކުރަން ލިބޭނީ އެންމެ ހިތްއެދޭ ތަނުގައި ނޫން ކަމަށް ވިޔަސް، ކޮންމެ ދިމާލެއްގައި ކުރާ ޑިއުޓީގައި ވެސް ރައްޔިތުން ހިތްއެދޭ ގޮތަށް ހިދުމަތްދޭން އަޒުމް ކަނޑައެޅުމަށް އިހުސާންވަނީ ފުލުހުންނަށް ގޮވާލައްވައިފައެވެ.
”މި ހިދުމަތުގައި އުޅޭއިރުގައި އަޅުގަނޑުމެންނަށް އަބަދު ހިދުމަތް ކުރަން ލިބޭނީ އެންމެ ހިތްއެދޭ ތަނުގައެއް ނޫން. އެހެން ނަމަވެސް އެ މީހާގެ ޑިއުޓީ ކޮންމެ ދިމާލަކަށް ޖެހުނަސް، އެންމެ ހިތް އެދޭގޮތަށް ހިދުމަތް ދޭން އަޒުމް ކަނޑައަޅައިގެން، ހިދުމަތުގެ ފެންވަރު އެންމެ ރަނގަޅަށް ދިނުމަކީ، ކޮންމެ ފުލުހެއްގެ އަޒުމަކަށް ވާންވާނެ،“ އިހުސާން ވިދާޅުވިއެވެ.
އިހުސާންގެ ވާހަކައިގައިވަނީ ފުލުހުންގެ އަސާސީ ތަމްރީނުން ދަސްވެނިވި ކުދިންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވައިފައެވެ.
އެގޮތުން ވެރިންނަށް ކިޔަމަންވުމާއި އިހުތުރާމާއި ލޯތްބާއެކު ރީތި ބަހުން މުއާމަލާތް ކުރުމާއި ކުރުމާއި، ހިދުމަތް ދިނުމުގައި ރައްޔިތުމީހާއަކީ ތިމާގެ އެންމެ އިސްވެރިޔާކަމަށް ދެކުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އިހުސާން ވިދާޅުވީ، މިދިޔަ އަހަރު ފުލުހުންގެ ހިދުމަތް ރަނގަޅަށް ދެވުނު ކަމަށެވެ.
އެހެން ނަމަވެސް އަދި މި އަހަރު، ފުލުހުންގެ ފަރާތުން ލިބޭ ހިދުމަތާއެކު ރައްޔިތުން ކުރާ އުންމީދު މާ ބޮޑު ކަމަށް ވިދާޅުވިއެވެ.
އެ ގޮތުން އިހުސާން އެދިވަޑައިގަތީ މި އަހަރު ވެސް ފުލުހުންގެ ފަރާތުން ރައްޔިތުން އެދޭ ފަދަ ހިދުމަތްތަކެއް ދިނުމަށެވެ.
”ތިޔަ ފުލުހުންގެ ފަރާތުން އެ އޮތް އެކްސްޕެކްޓޭޝަންގެ ބާ، މިދިޔަ އަހަރަށްވުރެން މި އަހަރު މަތިވާނެ. އެންމެހައި ފުލުހުން ޚިދުމަތުގައި މިންކުރެވިގެންދާ ގޮތް މިދިޔަ އަހަރަށް ވުރެން މަތިވާނެ. މި ޗެލެންޖު އެކްސެޕްޓުކޮށްގެން ރައްޔިތުން އެދޭފަދަ ޚިދުމަތެއް ދިނުމަށް އަތުކުރި އޮޅާލައިގެން މިރޭ މި (ދަސްވެނިވެ) ނިމިގެންދާ ކުދިން ސަފުތަކަށް ގުޅުމަކީ އަޅުގަނޑުގެ އެދުން،“ އިހުސާން ވިދާޅުވިއެވެ.

