ދަ ޑިމޮކްރެޓްސްގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު، އިމްތިޔާޒް ފަހުމީ (އިންތި) ހޮވިވަޑައިގެންފިއެވެ.
އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު، މުހައްމަދު ވަހީދު (ވައްޑެ) ވަނީ ހޮވިވަޑައިގެންފައެވެ.
ޑިމޮކްރެޓްސްގެ ރައީސް ކަމުގެ މަގާމުގައި ކުރިން ހުންނެވި ހަސަން ލަތީފާއި ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު ވަނީ އެ ޕާޓީ ދޫކޮށް އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ޑިމޮކްރެޓްސްގެ ރައީސާއި ނައިބު ރައީސްގެ މަގާމު ހުސްވުމާ ގުޅިގެން އެ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ ދެ މަގާމަށްވެސް ކުރިމަތިލެއްވީ އިންތި އާއި ވައްޑެ އެކަންޏެވެ.
ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން، އެމްޑީޕީގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު (އަންނި) އަށް ތާއީދު ކުރާ ފަރާތްތަކުން އިސްވެ، އުފެއްދި ސިޔާސީ ޕާޓީއެކެވެ.

