ކުރިއަށް އޮތް ރަމަޟާާން މަހުގައި އަޅުކަމުގެ ކަންކަމަށް އިސްކަންދިނުމުގެ ގޮތުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ނުބޭއްވުމަށް، ގދ. ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއިން އަންގައިފިއެވެ.
އެ ކައުންސިލުން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ވަނީ އެހެން އަހަރުތަކާ އެއްގޮތަށް، މިއަހަރުގެ ރޯދަ މަހަކީ ވެސް ވީހާވެސް ބޮޑަށް އަޅުކަމަށް އިސްކަންދީ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި އާދަކާދައާއި އުސޫލުތައް އާލާވާން ފުރުސަތު ފަހިވާ ދުވަސްތަކަކަށް ހެދޭތޯ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އެހެންވެ، އެންމެން ވެސް ކައުންސިލުން ފާހަގަކޮށްފައިވާ ނުކުތާތަކަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
އެ ކައުންސިލުން ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ތިނަދޫ ސިޓީގައި ހުރި ތައުލީމު ފޯރުކޮށްދޭ ތަންތަނުންނާއި ސަރުކާރާއި އެނޫންވެސް އެހެނިހެން މުއައްސަސާ ތަކުންނާއި ވިޔަފާރިވެރީންނާއި ކުލަބު ޖަމިއްޔާ ޖަމާއަތް ތަކުންނާއި އެކިއެކި ރަސްމީ އަދި ނުރަސްމީ ޓީމުތަކާއި ގްރޫޕްތަކުން ވެސް ރޯދަ މަހުގެ މަގުސަދު ހާސިލްކޮށްދިނުމަށް އެކަކު އަނެކަކަށް މަގުފަހި ކުރެވޭނޭހެން އެންމެހާ ކަމެއް ތަރުތީބުކޮށް އިންތިޒާމް ކުރުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެދިފައިވެއެވެ.
ދުވާލު ރޯދައަށް ތިބޭ ވަގުތުތަކުގައި އެކަކު އަނެކަކަށް ވީހާ ވެސް ބޮޑަށް ހަމްދަރުދީވެ އަޅާލައި ރަސްމީ މަސައްކަތަށް މާބޮޑު ބުރުލެއް ނާރާނެހެން ވީހާވެސް ބޮޑަށް އަޅުކަމަށް މަގުފަހިވާގޮތަށް ފަރުޟު ނަމާދުތަކުގެ ޖަމާއަތުގެ ވަގުތުތަކާއި ތަރާވީހު ނަމާދާއި ރޯދަވީއްލުމުގެ ވަގުތުފަދަ ވަގުތުތަކަށް ފުށު ނާރާނެހެން އަދި އެއްވެސް މީހަކަށް ދަތިނުވާނެހެން ރަސްމީ ތަންތަނުގެ ޑިއުޓީތަކާއި އެހެނިހެން ރަސްމީ އަދި ނުރަސްމީ ކަންކަން އިންތިޒާމް ކުރުމަށް ވެސް އަންގައިފައިވެއެވެ.
ދުވާލުގެ ވަގުތުވެސް އަދި ހާއްސަކޮށް ރޭގަނޑުގެ ވަގުތުތަކަށް އެއްވެސް ބާވަތެއްގެ ކުޅިވަރު ހަރަކާތްތަކެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް އެއްވެސް ބަޔަކު އެއްވެސް މިންވަރަކަށް ތިނަދޫ ސިޓީގައި އިންތިޒާމްކޮށް ނުހިންގުމަށް ވެސް ކައުންސިލުން ވަނީ އަންގައިފައެވެ.
ކަސްރަތާއި ސިއްހީ ބޭނުންތަކަށް، ހަރަކާތްތެރިވާ މީހުންނަށް މަގުފަހިކޮށްދިނުމަށްޓަކައި ރަށުގައި ގާއިމުކޮށްފައިވާ ކުޅިވަރު މައިދާންތަކާއި، ދަނޑުތަކާއި، ޓްރެކްތައް ފަދަ ތަންތަން ދުވާލާއި ރޭގަނޑުގެ ކަނޑައެޅޭ ވަގުތުތަކުގައި އާއްމުކޮށް ހުޅުވާފައި ބަހައްޓާނެ ކަމަށް ވެސް ތިނަދޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

